26 Aug 2025, 09:04
ބޮލީވުޑްގެ ތަރިން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ކަންނާ އެކީގައި ގެނެސްދޭ ޓޯކް ޝޯގެ ފުރަތަމަ އެޕިސޯޑުން މެހެމާނުންގެ ގޮތުގައި ފެންނާނީ ބަތަލާ ޖާންވީ ކަޕޫރު އަދި ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޗެޓް ޝޯތަކުގެ ކިންގް ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކަރަން ޖޯހަރު ކާޖޮލް އާއި ޓުވިންކަލްގެ ސުވާލުތަކާ ކުރިމަތިލުމަށް އެ ޝޯގެ ހޫނު ގޮނޑިއަށް އަންނާނީ އެކަނި ނޫން ކަމަށާއި މިފަހަރު ބައިވެރި އަކީ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
ކަރަން އާއި ޖާންވީ އަކީ ވަރަށް ގާތް ރަހްމަތްތެރިންގެ އިތުރުން ކަރަން އަކީ ޖާންވީ ފިލްމު އިންޑަސްޓްރީއަށް ލޯންޗުކުރުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރި އެކަކެވެ. ހާއްސަކޮށް ޖާންވީގެ މައިންބަފައިން ކަމަށްވާ ކުރީގެ ބަތަލާ ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޮނީ އަކީ ކަރަންގެ ވަރަށް ގާތް ބައެކެވެ.

ބަތަލާ ޖާންވީ ކަޕޫރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ފިލްމުފެއަ
އެހެންކަމުން ޖާންވީ މެންޓޯއެއްގެ ގޮތުގައި ދެކޭ ކަރަންއާ އެކު މި ޝޯގައި ފެނިލުމަކީ މުޅިން އާ ތަޖުރިބާއަކަށް ވާނެއެވެ. މީގެކުރިން ޖާންވީ ވަނީ ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ އެކި ސީޒަންތަކުން ވެސް ފެނިފައެވެ.
ކޮންމެ އަކަސް ކަރަން އަކީ ކާޖޮލް އަދި ޓުވިންކަލްގެ ވެސް ވަރަށް ގާތް އެކުވެރިއަކަށް ވެފައި ދެ ތަރިންނަކީ ވެސް ކަރަންގެ "ކޮފީ ވިތު ކަރަން"ގެ ޝޯތަކުން މެހެމާނުންގެ ގޮތުގައި ފެނިފައިވާ ތަރިންނަށްވާއިރު ކަރަން އާއި ޖާންވީގެ އެޕިސޯޑު ވާނީ ވަރަށް މަޖާ އެހާމެ ފޯރިގަދަ ޝޯއަކަށް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
"ޓޫ މަޗު ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ނަމުގައި ގެނެސްދޭ މި ޓޯކް ޝޯ ޕްރީމިއާ ކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. އެ ޕްލެޓްފޯމްއިން މި ޓޯކް ޝޯ ގެނެސްދޭނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ޝޯ ގެނެސްދޭން ފަށާ ތާރީޚު އަދި އިއުލާނެއް ނުކުރެއެވެ.