މީޑިއާތައް 'ކޮންޓްރޯލް ކުރާ' ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާއިރު، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލަށް މީގެ ކުރިން ސަރުކާރުން ވެސް ވަނީ ތާއިދުކޮށްފައެވެ.

ރައީސް މުއިއްޒު ހދ. ނޮޅިވަރަންފަރަށް ވަޑައިގެން މިރޭ ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަށް އެ މަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ ކުރާނެ ވެސް ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ ޕާޓީ، ޕީއެންސީގެ މެންބަރުންނަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ. އެ ބިލުގައި ހުށަހަޅާފައި އެބައޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެކޭ އެ ބިލު ފާސްވެގެން، ގާނޫނަކަށް ވާއިރު އުފެދޭ ކޮމިޝަނުގެ ރައީސަކަށް ހުންނާނީ. އެގޮތަކަށް އަޅުގަނޑު އެކަމެއް ނުކުރާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު

މީޑިއާ ކޮންޓްރޯލްކުރާ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވުމުން އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް ކޮމިޝަންގެ ރައީސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ބިލް އިސްލާހު ކުރާ މަރުހަލާއަކަށް ގޮސްފިނަމަ، ކޮމިޝަނުގެ ރައީސަކަށް ވާންޖެހޭނީ އެކޮމިޝަންގެ މެންބަރުންގެ ވޯޓު ލައިގެން ހޮވާ މީހެއް ކަމަށް ބަދަލުކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މުއިއްޒާއި ތަރުޖަމާނު ހީނާ: މީޑިއާ ކޮންޓްރޯލް ބިލަށް ސަރުކާރުން ތާއީދުކުރާ ކަމަށް މީގެ ކުރިން ހީނާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ، މި ސަރުކާރަކީ މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން ބޭނުމެއް ނުވާ ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާ އެކީ ހިންގާ ކުރާ ބަޔަކަށް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައެވެ.

އެ ބިލަށް ތާއިދުކޮށް މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވާހަކަދައްކަވައިފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ބިލު ހުށަހެޅީ، އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރެއް ކަމަށްވީ ނަމަވެސް، ބިލުގެ ފަހަތުގައި ތިބީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ބުނެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅާއި މީޑިއާތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.