25 Aug 2025, 16:02
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، އެއީ އާދައިގެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އޭޓީއެމްތައް ރަށްރަށުގައި ހުޅުވައި ދެއްވުމަށް ރައީސް ވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގެންނަ 2500 ޑޮލަރުގެ އޭޓީއެމްތައް ރަށްރަށުގައި ބެހެއްޓުމަކީ މާ ބޮޑު މަޝްރޫއެއް ކަމަށް ސަރުކާރުން ދައްކަނީ ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.
އެކަމުގައި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ ތަރައްގީގެ މަޝްރޫއުތައް ނުހިންގަވައި، ތަރައްގީގެ ނަމުގައި މާ ބޮޑު މަޝްރޫއެއް ގޮތަށް ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓައި، އެކަމުގެ އުފާ ފާޅުކުރާ ކަމަށް ވިދާޅުވެފައެވެ.

ހދ. ނެއްލައިދޫގައި ރައީސް މުއިއްޒު އޭޓީއެމް ހުޅުވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުއިއްޒު މިވަގުތު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް އެތަކެއް ލުޔެއް އެކަމުގެ ސަބަބުން ލިބޭ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އޭޓީއެމް ބަހައްޓާތީ ބައެއް ފަރާތްތަކުން އެކަން އާދައިގެ ކަމަކަށް އެބަ ހަދާ. އެއީ އާދައިގެ ކަމެއް ނޫން. ފަހަރެއްގަ މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ ކަންކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވާނަމަ އެކަހަލަ ކަންކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފާނެ،ރައީސް ޑރ. މުހައްމަދު މުއިއްޒު
ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ބޭންކިން ޚިދުމަތް ކަމުގައި ވިޔަސް، ހަމަހަމަކަމާއެކީ ކޮންމެ ރައްޔިތަކަށް ލިބެންވާނެ ކަމަށެވެ.
އެހެން ނޫންނަމަ އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން، އޭޓީއެމް ހުންނަ ކައިރި އެހެން ރަށްރަށަށް ގޮސް ފައިސާ ނަގައި، ފައިސާ ޖަމާކުރަން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން އެކި ތަކުލީފުތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެ ޚިދުމަތް ވެސް ކޮންމެ ރަށެއްގައި ގާއިމުވެފައި ހުރުމުން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި އެކި ރަށްރަށުގައި އޭޓީއެމްތައް ދަނީ ހުޅުވައި ދެއްވަމުންނެވެ.
ކިތަންމެ ބަޔަކާއެކު ސޮއިކުރުމަށްފަހު ވެސް ހަވާލުކުރާ މަޝްރޫއުތައް ނުހިނގާ ކަމުގެ ކަންބޮޑުވުން ބޮޑެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަށްވުރެ ވެސް މަޝްރޫއުތަކަށް ކުރި ހޭދަ މިއަހަރު ހަތަރު ބިލިއަން ރުފިޔާ ކުޑައެވެ. އެހެންވެ ކައުންސިލް އިންތިޚާބާ ގާތްކޮށް، ރަށްރަށަށް ވަޑައިގެން އޭޓީއެމްތައް ހުޅުވަނީ ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރެއެވެ.