09 Aug 2012, 14:24
މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވައިގެމަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމާނާ ކުރުމަށްފަހު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އިތުރު މީހާކާއި ބައިވެރިވެގެން އައްޑޫއަށް މަސްތުވާތަކެތި ގެންދިޔުމުގެ ކުށުގައި 100،000ރ. އިން ޖޫރިމަނާ ކުރުމަށަފަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަިއ ވަނީ ލ. އިސްދޫ، ކަނީރުމާގޭ، އަހުމަދު ހަނީފު 23، ގެ މައްޗަށެވެ. ޖޫރިމަނާ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި އޭނާއަށް އަންގާފައި ވެއެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު އޭނާގެ އަތުން ފެނުނު ފިލްމު ހުސްކުރި ދަޅަކުން 73.3999 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
"ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން އަހުމަދު ހަނީފު ކުށްވެރިވާ ކަމަށް ކަނޑައަޅައި، އަހުމަދު ހަނީފުގެ މައްޗަށް ސާބިތުވި މިކުށުގެ އުގޫބާތެއްގެ ގޮތުން 100،00ރ. އިން ޖޫރިމަނާކުރުމާއެކު އަހުމަދު ހަނީފު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، އަހުމަދު ހަނީފު ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް އަހުމަދު ހަނީފަށް އަންގައި މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
އޭނާ އާއި އެކު އެކަމުގައި ބައިވެރިވި ސި. ހިތަދޫ، އަލީބޮޚާރީގޭ، އަހުމަދު ސުޖާއުގެ މައްޗަށް ވެސް ދައުލަތުން ވަނީ "ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ" އުފުލާފައެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުނިމެ އެވެ.