ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިއްޔެ ކުރި އިއުލާނެއްގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކޮށްގެން ފަރުމާކުރެވިފައިވާ އެ ތަމްރީނު ޕްރޮގްރާމްތަކަކީ:

  • އަތްތެރި މަސައްކަތް

  • ކުރެހުން
  • ކޭކް ކޯސް
  • ފެޝަން ޑިޒައިން
  • ގަހަނާ ހެދުން
  • ފޮޓޯގްރަފީ

އާއިލާއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތައުލީމީ އަދި މަސައްކަތުގެ ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން،ގޫގްލް ފޯމްމެދުވެރިކޮށް ރަޖިސްޓާ ކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ. އަދި ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުއްދަތެއް ނެތި ކަމަށާއި އެހެންނަމަވެސް ވީހާވެސް އަވަހަށް ރަޖިސްޓާކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ.

ވުޒާރާއިން ބުނި ގޮތުގައި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވެ، އަމިއްލަ ދިރިއުޅުން ބައްޓަންކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. ވަކިން ޚާއްސަކޮށް މޯލްޑިވްސް ޕޮލިޓެކްނިކް ފަދަ މުއައްސަސާއަކާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ، އެ މީހުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ބަޔަކަށް އެ ފުރުސަތު ފޯރުކޮށްދިނުމަށް ލިބޭ ބޮޑު އެހީއެއް ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

މިދިޔަ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،308 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.