25 Aug 2025, 08:42
އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާ މެހެމާނުން ޕޮޑްކާސްޓް ޝޯތަކަށް ގެންނާތީ އެ ޝޯތަކުގެ ހޯސްޓުންނަށް ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަރަށް ބޮޑަށް ފާޑުކިޔައި, ނުރުހުން ފާޅުކޮށްފިއެވެ.
ކަރަންގެ ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ބުނެފައި ވަނީ މި ފަހަކަށް އައިސް ޕޮޑްކާސްޓަރުން ގެނެސްދޭ ގިނަ ޝޯތަކުގައި ބައިވެރިވާ އިންޑަސްޓްރީއިން ބޭރު މީހުން ފިލްމީ ދާއިރާއަށް ވަރަށް އިހުތިރާމު ކުޑަވާ ގޮތަށް ވާހަކަ ދައްކާ ކަމަށެވެ.
ކަރަން ބުނެފައި ވަނީ މީޑިއާގެ ހުރިހާ މެމްބަރުންނަށް ވެސް ކަރަން ވަރަށް އިހުތިރާމް ކުރާ ކަމަށާއި ކަރަންގެ ޕޯސްޓު ރައްދުކުރީ ހަމައެކަނި އެފަދަ ޝޯތައް ގެނެސްދޭ ހޯސްޓުންނަށް ކަމަށެވެ.
އެފަދަ ޝޯތަކަށް ގެނެސް ފިލްމު އިންޑަސްޓްރީއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކާ ގިނަ މީހުންނަކީ އިންޑަސްޓްރީގެ އެއްވެސް ކަމެއް އެނގިގެން ވާހަކަ ދައްކާ ބައެއް ނޫންކަން ދޭހަވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ޖޯހަރު އިންޑިއާގެ މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ހަމައެއާއެކު އެ މީހުން ދައްކާ އެފަދަ ދޮގު ވާހަކަތަކުގެ ނޭދެވޭ އަސަރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ކުރާނެއިރު އެކަން ކުރާ މީހުންނަށް އެއީ ވަރަށް އާދައިގެ ކަމެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮންމެ މީހަކީ ވެސް ވަރަށް ބުރަކޮށް ކެރިއާ ތަރައްޤީ ކުރުމަށް މަސައްކަތްކުރާ ފަންނާނުން ކަމަށާއި ޕޮޑްކާސްޓް ޝޯތަކަށް ގޮސް އެ މޭރުމުން ވާހަކަ ދައްކާ މީހުންގެ ދިރިއުޅުމުން ބީވެގެންދާނެ އެކައްޗެއްވެސް ނޯންނާނެއިރު ބަޔަކަށް ގެއްލުން ދިނުމުގެ ބޭނުމެއް ނުވިސްނޭ ކަމަށް ކަރަން ވަނީ ބުނެފައެވެ.
މިގޮތަށް ގެނެސްދޭ ޝޯތައް ހުއްޓާލުމަށް ކަރަން ގޮވާލާފައިވާއިރު ބައެއް ޝޯތަކުގައި ބައިވެރިވާ މެހެމާނުން ވަނީ އިންޑިއާގެ ސިނަމާގެ ލެޖެންޑު އެކްޓަރުންނަށް ވެސް އިހުތިރާމު ކުޑަވާގޮތަށް ވާހަކަދައްކާފައި ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަންގެ މި ފާޑުކިޔުންތައް ރައްދުކުރީ ކޮން ޕޮޑްކާސްޓަރުންނަށް ކަމެއް ހާމަކޮށްފައެއް ނެތެވެ. މިފަހަކަށް އައިސް ފިލްމު އަދި ސީރީސްތައް ޕްރޮމޯޓުކުރުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ މީޑިއާ އެއް ވަސީލަތަކީ ޕޮޑްކާސްޓު ޝޯތަކެވެ.