އިންޑިއާގެ މަޝްހޫރު ޕޮޑްކާސްޓަ އަދި ސޯޝަލް މީޑިއާ އިންފުލުއެންސަ ރާޖް ޝަމާނީއަށް ބޮލީވުޑް އެކްޓަރު އަނޫޕަމް ހޭރު ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އަނޫޕަމްގެ ފަރާތުން ނުސީދާކޮށް ރާޖް ޝަމާނީއަށް ފާޑުކިޔުންތަކެއް އަމާޒުވެފައި މިވަނީ ދާދިފަހުން އެކްޓަރު ބައިވެރިވި ރާޖްގެ ޕޮޑްކާސްޓް ޝޯ ޓެލެކާސްޓްކުރިއިރު އަމަލުކުރިގޮތާ ގުޅިގެންނެވެ. ޔޫޓިއުބް މެދުވެރިކޮށް ގެނެސްދޭ ޗަލްޗިތުރާ ޓޯކްސްގައި ވާހަކަ ދައްކަމުން އަނޫޕަމް ބުނެފައި ވަނީ ދާދިފަހުން ރާޖްގެ ޕޮޑްކާސްޓް ޝޯގައި އެކްޓަރުގެ ފިލްމު "ތަންވީ ދަ ގްރޭޓް" ޕްރޮމޯޓު ކުރުމަށް ބައިވެރިވި ކަމަށެވެ.

ރާޖްގެ ޝޯއަށް ދިއުމަށް އަނޫޕަމްއަށް ދައުވަތު ދިންއިރު އެކްޓަރުގެ ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ރާޖް އެއްކޮށްފައި ނުވާތީ އެކަމާ ހައިރާންވި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަނޫޕަމް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު "ތަންވީ ދަ ގްރޭޓް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އަމިއްލަ ޝޯއަށް މެހެމާނަކަށް ދައުވަތުދޭއިރު ގެންނަ މެހެމާނާ ގުޅޭ ހުރިހާ މައުލޫމާތަކާއި ޕްރޮމޯޓުކުރާ އުފެއްދުމަކާ ބެހޭ މައުލޫމާތު ހޯދާ އެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ބުނެ ރާޖްއަށް ނަސޭހަތްތެރިވި ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

ޕޮޑްކާސްޓުގެ ތެރެއިން ރާޖް ވަނީ އަނޫޕަމް އޭނާއަށް ނަސޭހަތެއް ދޭނެ ނަމަ ދޭނެ ނަސޭހަތަކާ ގުޅޭގޮތުން ސުވާލުކޮށްފައި ކަމަށާއި އެ ސެގްމެންޓު ރާޖް ވަނީ ކަނޑާލާފައި ކަމަށާއި އެކަމުން ދޭހަކޮށްދެނީ ރާޖް އަކީ ވަރަށް ފީކަޅާ ދެފުށްކެހެރި މީހެއް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

ދިރިއުޅުމަށް ބޭނުންތެރި ނަސޭހަތަކަށް ރާޖް އަމިއްލައަށް އެދުމުން އަނޫޕަމް އަނޫޕަމް ނަސޭހަތްތެރިވީ، ލިބޭ ކާމިޔާބީއާ އެކު އަމިއްލަ ޒަމީރަށް ބަދަލުތަކެއް ނުގެނެސް އަބަދުވެސް ތިމާ އަކީ މީހުންނަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ހުރުމަށެވެ.

ރާޖް އަކީ ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް އޭނާ މަސައްކަތް ހިންގާ އޮފީސް މާހައުލުން އެކަން ނުފެންނަ ކަމަށާއި ރާޖް އަކީ ވަރަށް އާދައިގެ އަވަށަކުން މުމްބާއީއަށް އައިސް މިހާރު ވަރަށް ކާމިޔާބު މީހެއް ކަމަށާއި އެ ސާދާކަން އެގޮތުގައި ދެމިއޮންނަންވާނެ ކަމަށް އަނޫޕަމް ވަނީ ޝޯގައި ބުނެފައެވެ.

ރާޖް ޝަމާނީ ވަނީ ވަކި ނަމެއް ނުބުނު ނުސީދާކޮށް އެކްޓަރު ބައިވެރިވި ޝޯއެއްގައި ދިމާވި މި ހާދިސާ އާއްމުންނާ ހިއްސާކޮށްފައެވެ.

ރާޖްގެ ޕޮޑްކާސްޓުގައި އަނޫޕަމްގެ އެޕިސޯޑު ގެނެސްދިންއިރު އެ ސެގްމެންޓުތައް ކަނޑާލުމުން އެއީ ބަހުގެ އިތުބާރު އެއްވެސް ވަރަކަށް އޮތް މީހެއް ކަމަށް ނުދެކޭ ކަމަށާއި ރާޖްއަށް ކުރި އިހުތިރާމް ވެސް އޭނާގެ ނަޒަރުގައި ގެއްލިއްޖެ ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.