09 Aug 2012, 14:16
ޕެންޝަން ސްކީމްގައި ބައިވެރިވެ ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކާއި ފައިސާ ދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރަން ޕެންޝަން އޮފީހުން ނިންމައިފި އެވެ.
ސީއީއޯ މުހަންމަދު ހުސައިން މަނިކު (މަނިކު) ވިދާޅުވީ ޕެންޝަން ފައިސާ ދައްކާ ކުންފުނި ތަކާއި ނުދައްކާ ކުންފުނިތަކުގެ ނަންތައް ޕެންޝަން އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމުނަށް ފެންނަ ގޮތަށް ނަން ހަމަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައި ނަންތައް ހާމަ ކުރާނެ ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް ބައްލަވާލެއްވީމަ އެނގޭނެ ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ރަނގަޅަށް ޕެންޝަން ދައްކަމުންދަނީ ކޮން ފަރާތްތަކެއްކަން. މައްސަލަ ޖެހިގެން ދައްކަނީ ކޮން ފަރާތްތަކެއްކަން. އެއްވެސް ވަރަކަށް ނުދައްކާ ހުރީ ކޮން ސްޓޭޖެއްގެ ކޮން ބައެއްކަން،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ޕެންޝަން ނުދައްކާ ފަރާތްތަކާއި ދައްކާ ފަރާތްތަކުގެ ނަންތައް ހާމަ ކުރާނީ މަހަކު އެއް ފަހަރު ކަމަށެވެ. މީގެ އިތުރުން މަނިކު ވިދާޅުވީ ވަޒީފާ ދޭ ބައެއް ތަންތަނުން މުވައްޒަފުންގެ މުސާރައިން ޕެންޝަނަށްވާ ފައިސާ ކެނޑުމަށް ފަހު އެފައިސާ ޕެންޝަން އޮފީހަށް ނުދައްކާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކާއި ޕެންޝަން އޮފީހުން ވާހަކަ ދައްކަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ޕެންޝަން ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަ ކުރަން ފެށުމުން ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވާ ފާރްތަކުން އެ ފައިސާ ދެއްކުމަށް ބާރު އެޅިގެންދާ ކަމަށާއި އަދި އޭގެ ފައިދާ މުވައްޒަފުންނަށް ކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކަށްވޭ މިކަން ކުރާ މީހުނަކީވެސް ކޮބައިކަން އެނގެން އަދި ނުކުރާ ބަޔަކީވެސް ކޮން ބައެއްކަން އެނގެން. އެހެންވީމަ އެކަންވާނެ މުވައްޒަފުނަށް ވެސް ވަރަށް ބޮޑު ބާރަކަށް. މުވައްޒަފުނަށް ވެސް އެމީހަކު މަސައްކަތްކުރާ ތަނަކުން ބަރާބަރަށް ފައިސާ ދައްކާ ކަމަށްވާނަމަ ހިތްވަރު ލިބޭނެ އެތަނުގައި މަސައްކަތް ކުރަން،"
މީގެ އިތުރުން މަސައްކަތް ކުރާ ތަނަކުން މުވައްޒަފުންގެ މުސާރައިން އުނިކުރަމުންދާ ޕެންޝަން ފައިސާ ފައިސާ ޕެންޝަން އޮފީހަށް ޖަމާކުރަމުންދޭތޯ އޮންލައިކޮށް ކޮންމެ މުވައްޒަފަކަށް ބެލޭނެ ނިޒާމް ޕެންޝަން އޮފީހުން މިހާރު ވަނީ ހަމަ ޖައްސާފަ އެވެ.
"ގައިމުވެސް އެ މުވައްޒަފަކަށް އެމީހެއްގެ މުސާރައިން ކަނޑާފައި ޕެންޝަން އޮފީހަށް އެ ފައިސާ ޖަމާކުރޭތޯ ބެލޭނެ ނިޒާމް އެއޮތީ ގާއިމުކޮށްފައި،" އެނާ ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާއެކު 70000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.