25 Aug 2025, 08:50
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު "ގުސްތާކް އިޝްޤް" މި އަހަރުގެ ނޮވެމްބަރު މަހު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ރޮމޭންޓިކް ޑްރާމާއެއް ކަމަށް މަނިޝް ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. ފިލްމުގެ ޕޯސްޓަރެއް ހިއްސާކުރަމުން މަނިޝް ބުނީ، ކުޑައިރުއްސުރެ އޭނާ އަކީ ސިނަމާއަށް ވަރަށް ފުން ލޯތްބެއް ހިތުގައި އޮވެ ބޮޑުވަމުން އައި މީހެއް ކަމަށެވެ.
ސްކްރީނަށް ފިލްމު ޕްރޮޑިއުސަރުން ގެނެސްދޭ ޖާދުވީ ވާހަކަތަކާއި ހިތްގައިމު މިއުޒިކާ އެކު ބެލުންތެރިން އެ ފިލްމުތަކާ މެދު ފާޅުކުރާ ޝުއޫރުތައް ފެނި އޭނާ ވެސް ބޭނުންވީ ސިނަމާއާ ވަރަށް ގާތުން މަސައްކަތް ކުރުމަށް ކަމަށް މަނިޝް ވަނީ ބުނެފައެވެ.

މަނިޝްގެ ފިލްމު "ގުސްތާކް އިޝްޤް"ގެ ލީޑް ތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އަދި ވިޖޭ ވަރުމާ--ފޮޓޯ/ފިލްމުފެއަ
މިއަދު މުނިފޫހިފިލުވުމުގެ ދާއިރާގައި އާދެވިފައި ހުރި ހިސާބަށް އާދެވުނީ ކުޑައިރުއްސުރެ ސިނަމާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށާއި ފިލްމެއް އުފެއްދުމުގެ ހުވަފެން ހަގީގަތަށް ވުމީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ކުޅަދާނަ ޑިޒައިނަރު ވަނީ ސިފަކޮށްފައެވެ.
ކުރިން "އަލް ޖަލޫލް އިޝްގް"ގެ ނަމުގައި އުފައްދަން ނިންމި ފިލްމު "ގުސްތާކް އިޝްގް"ގެ ލީޑް ތަރިންނަކީ ފާތިމާ ސަނާ ޝައިހް އަދި ވިޖޭ ވަރުމާއެވެ. މީގެއިތުރުން މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ވެސް ބެލުންތެރިންނަށް ފެންނާނެއެވެ.
ފިލްމު "ގުސްތާކް އިޝްގް"އަކީ މަނިޝްގެ އަމިއްލަ ފިލްމު ކުންފުނި ސްޓޭޖް5 ޕްރޮޑަކްޝަންއިން އިއުލާނުކުރި ތިން ވަނަ ފިލްމު ޕްރޮޖެކްޓެވެ.
އެ ޕްރޮޑަކްޝަން ކުންފުނިން މީގެކުރިން "ސާލީ މޮހާއްބަތު" އަދި "ބަން ޓިއްކީ"ގެ ނަމުގައި ދެ ފިލްމެއް އިއުލާނުކޮށްފައިވާއިރު ފިލްމުތަކާ ބެހޭ ތަފުސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.