އިންޓަނެޓް މޫވީ ޑާޓާ ބޭސް (އައިއެމްޑީބީ)އިން ދާދިފަހުން ނެރުނު މި އަހަރުގެ އެންމެ ރީތި ބަތަލާއިންގެ ލިސްޓުގެ 10 ފިލްމީ ތަރިންގެތެރޭ ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ހިމެނިއްޖެއެވެ.

އިންޓަނެޓު ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ކުރެވޭ ސާވޭއެއްގެ މައްޗަށް ބިނާކޮށް ނެރޭ މި ލިސްޓުން ހާނިއާ ޖާގަ ހޯދާފައި ވަނީ ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމީ ތަރިންނާ ވެސް ވާދަކޮށްފައެވެ.

ހާނިއާއަށް މި ލިސްޓުގެ ހަވަނަ ލިބުނުއިރު ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން ވަނީ ލިސްޓުގެ ފަސް ވަނައިން ޖާގަ ހޯދާފައެވެ. މި އަހަރުގެ އެންމެ ރީތި ބަތަލާއިންގެ ލިސްޓު ނެރެފައިވާއިރު ހާނިއާ ވެފައި ވަނީ މި ލިސްޓުން ޖާގަ ހޯދި ހަމައެކަނި ޕާކިސްތާނު ފިލްމީ ތަރިއަށެވެ.

ބޮލީވުޑް ބަތަލާ ކްރިތީ ސެނޮން--ފޮޓޯ/ފިލްމުފެއަ

މި އަހަރުގެ ލިސްޓު ނެރުނީ ބަތަލާއިންނަށް ލިބިފައިވާ ރީތި ކަމާއި، އެކްޓިންގް ދާއިރާއިން ލިބިފައިވާ ހުނަރާ އެކު ބަތަލާއިންގެ ފަރާތުން އެހެން މީހުންގެ ދިރިއުޅުމަށް ކުރާ ހެޔޮ އަސަރުތައް ފާހަގަކުރުމާ އެކުގައެވެ.

އައިއެމްޑީބީގެ މި އަހަރުގެ މި ލިސްޓުގެ އެއްވަނައިން ޖާގަ ހޯދާފައި ވަނީ އެމެރިކަން ބަތަލާ އަދި ލަވަކިޔުންތެރިޔާ މަކޭނާ ގްރޭސްއެވެ. ހޮލީވުޑް ފިލްމުތައް ކަމަށްވާ "ގިފްޓެޑް" އަދި "ގޯސްޓްބަސްޓަސް:އާފްޓަލައިފް" އާއި ޓީވީ ސީރީސް "ހޭންޑްމެއިޑްސް ޓޭލް"އިން ފެނިފައިވާ ބަތަލާ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމީ ތަރިއެކެވެ.

ޕާކިސްތާނުގެ ފިލްމީ ތަރިއަކު އައިއެމްޑީބީ ލިސްޓުގައި ހިމެނުމާ އެކު ހާނިއާއަށް ތާއީދުކުރާ މީހުންގެ އިތުރުން ވެސް ޕާކިސްތާނުގެ ވެބް ސީރީސް ތަކާއި ފިލްމުތަކަށް ލޯބިކުރާ މީހުން އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.

ދާދިފަހުން ބޮލީވުޑްގެ ފިލްމަކުން ވެސް ފެނިފައިވާ ބަތަލާގެ މަޝްހޫރު ޓީވީ ސިލްސިލާ ޝޯތަކުގެތެރޭ "ދިލް ރުބާ"، "އިސްޤިޔާ"، "މުޖެ ޕިޔާރު ހުއާ ތާ"، "މެރޭ ހަމްސަފަރު" އަދި "ކަބީ މޭ ކަބީ ތުމް" ހިމެނެއެވެ.