25 Aug 2025, 00:59
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމްގެ ޚިދުމަތް ފަށާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
އެ މަޝްރޫއުގެ ދަށުން ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް އިއްޔެ ވަނީ ފަށައިފައެވެ.
އެ ބެންކުން ބުނީ، އަމާޒަކީ މި ހަފުތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުން ކަމަށެވެ.

ފިނޭގައި ހުޅުވި އޭޓީއެމް: ބީއެމްއެލްގެ އަމާޒަކީ މުޅި ހދ. އަތޮޅަށް މިހަފުތާގައި އެ ޚިދުމަތް ފުޅާކުރުން --- ފޮޓޯ/ ބީއެމްއެލް
ފިނޭގައި އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ، މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ، ވަޑައިގެންނެވިއެވެ.
ޝަރީފް ވިދާޅުވީ، ފިނޭއާއި އެ އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި، މިހާރު ފިނޭގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ޚިދުމަތް ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، 20 އަތޮޅުގައި ބީއެމްއެލްގެ 41 ބްރާންޗާއި 146 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 204 އޭޓީއެމް ހުރެއެވެ.