ބިދޭސީންނާ ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިން މެދުވެރިކޮށް ކުރެވޭނެ ނިޒާމެއް ގާއިމްކޮށް ކައުންޓަރު ދެމުން އައި ބިދޭސީންނާ ގުޅޭ ހިދުމަތްތައް މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

ޕްރޮޖެކްޓް ހެޑް، ސީނިއާ އިމިގްރޭޝަން އޮފިސާ އަހުމަދު ނަދީމް މިއަދު ސަން އޮންލައިންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ގުޅިގެން އަލަށް ތައާރަފްކުރި ނިޒާމަށް ދީފައިވާ ނަމަކީ "އެކްސްޕެޓް ސިސްޓަމް" ކަމަށާއި އެ ނިޒާމުގެ ތެރެއިން ކޯޓާއަށް އެދުމުގެ ފުރުސަތާއި ވިސާގެ މުއްދަތު އިތުރު ކުރުމާއި ވޯކްޕާމިޓް ކާޑު އާކުރުން އަދި ޑިޕޮސިޓް ފައިސާ ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ. އަދި ވިދާޅުވީ އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އިމިގްރޭޝަންގެ ކައުންޓަރުން ދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

"މީހާރު ގޭގައި އިނދެގެން ޑޮކިއުމަންޓްތައް އަޅުގަނޑުމެންގެ ސިސްޓަމަށް އަޕްލޯޑުކޮށްލަން ޖެހޭނީ، އޭރުން އަޅުގަނޑުމެން ޕްރޮސެސް ކުރަމުން ދާނެ، އޭރުން ކުރިން އުޅޭހެން ފަތިހާ އައިސް ކިޔޫގައި މަޑުކޮށްގެން މިކަން ކުރާކަށް ނުޖެހޭނެ، މި ހިދުމަތުގެ ސަބަބުން ޕްރޮސެސް ކުރުންވެސް އަވަސްވާނެ، މިސާލަކަށް ބިދޭސީއަކު ރާއްޖެ އެތެރެ ވުމުގެ ފަސް މިނެޓް ކުރިން ވެސް ޑިޕޮސިޓް ފައިސާ އޮންލައިންކޮށް ދައްކާލުމުން ރާއްޖެ އެތެރެވެވޭނެ، އެއީ އެއާޕޯޓް ސިސްޓަމުން ވަގުތުން ފެންނާނެ،" ނަދީމް ވިދާޅުވި އެވެ. "އެއާއެކު އަޅުގަނޑުމެން އޮންލައިންކޮށް ދޭ ހިދުމަތްތައް ކައުންޓަރުން ދިނުން ހުއްޓާލީ، ދެން މުޅި ސިސްޓަމް ބަދަލުވާނީ އޮންލައިންކޮށް، ހަމައެކަނި ޕާސްޕޯޓު ބަލާ އައުން، ވިސާ ފީދެއްކުން މިކަހަލަ ދެތިން ކަމަކަށް އެކަނި މިކޮޅަށް ވަޑައިގަންނަވަން ޖެހޭނީ،"

އޭނާ ވިދާޅުވީ އޮންލައިން ނިޒާމު ބޭނުން ކުރުމަށް ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފައި ހުންނާނެ ކަމަށާއި ބިދޭސީއެއް ގެންނަން ބޭނުން ކޮންމެ ފަރާތަކަށްވެސް ޕޯޓަލް މެދުވެރިކޮށް ހިލޭ ރަޖިސްޓާ ކުރެވޭނެ ކަމަށެވެ. ނަދީމް ވިދާޅުވީ އާ ނިޒާމަކީ ސެކިއުރިޓީ ވަރުގަދަ ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން ފްރައުޑްގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

"މީގައި ވަކި ބޭފުޅަކު ޗެކް ކުރައްވާނީ، ވެރިފައި ކުރައްވާނީ ވަކިބޭފުޅެއް އަދި އެޕްރޫވް ކުރައްވާނީ ވަކި ބޭފުޅެއް، އެހެންވީމަ މީގައި އޮޅުވާލުމަށް އެއްވެސް ފުރުސަތެއް ނީންނާނޭ ބުނެވޭނީ، އަނެއްކާ ނިޒާމު ވަރަށް އަޕްޑޭޓް ވާނެ،" ނަދީމް ވިދާޅުވި އެވެ.

ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ ވެސް މިއަދު ވިދާޅުވީ އޮންލައިން ނިޒާމަކަށް ބަދަލުވާން ވިސްނެވީ ރައްޔިތުންނާއި ވީހާވެސް ކައިރިން ފަސޭހަކަމާ އެކު އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އައު ނިޒާމުގެ ސަބަބުން އޮޅުވާލުމަށް ހުޅުވިފައިވާ ދޮރު ބަންދު ވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އިމިގްރޭޝަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ލަފާކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން 2018 ވަނަ އަހަރު ދިވެހިންގެ އާބާދީއާ އެއްވަރުވާނޭ ކަމަށެވެ. އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން 35000 ގާތްކުރާއިރު ބިދޭސީންގެ ވިސާ ފީގެ ގޮތުގައި ދައުލަތަށް 83 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ރިކޯޑްތަކުންދައްކަ އެވެ.