ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައި އަލްޖީރިޔާގެ ވިޔަފާރިވެރިއަކު ރާއްޖޭގެ މިސްކިތުފަންޑަށް 200000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.1 މިލިޔަން ރުފިޔާ) އެހީގެ ގޮތުގައި ދޭން ނިންމައިފި އެވެ.

އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ އަލްޖީރިޔާގެ ވިޔަފާރިވެރިޔާ، ޖިލަބީ މަހުރީ އިއްޔެ މިނިސްޓްރީއަށް ވަޑައިގެން މިނިސްޓްރީގެ ޕްރޮޖެކްޓްތައް ބެލުމަށްފަހު ވަގުފު ފަންޑު ދެމެހެއްޓުމަށް ބިނާ ކުރާ 10 ބުރީގެ އިމާރަތަށް މިނިސްޓްރީން ދައްކަން ޖެހޭ ފައިސާގެ 20 ޕަސަންޓަށް ވާ 200000 ޑޮލަރު ދެއްވާ ގޮތަށް ނިންމެވީ ކަމަށެވެ.

"އެބޭފުޅާ މިނިސްޓްރީއަށް ވަޑައިގެން މިނިސްޓްރީން ކުރިއަށް ދާ އެކި އެކި ޕްރޮޖެކެޓްސް ތަކާއި މަޝްރޫއުތައް ބައްލަވާފައި އޭނާ އަށް އެންމެ ކަމުދަނީ ވަގުފު ފަންޑަށް އެހިތެރިވުން ކަމަށް ވިދާޅުވީ. އެ އިމާރަތްކުރަން ބޭނުންވާ ފައިސާގެ 20 ޕަސަންޓް ފައިސާ ދައްކަން ޖެހެނީ އިސްލާމިކި މިނިސްޓްރީން އަނެއްބައި އިސްލާމިކު ބޭންކުން. އެގޮތުން 20 ޕަސަންޓް ފައިސާއަށްވާ ދެ ލައްކަ ޑޮލަރު އެބޭފުޅާ ދެއްވަން ނިންމީ،" ޝަހީމު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ 10 ބުރީގެ އޮފީސް އިމާރާތް އަޅަނީ އިސްލާމިކު ބޭންކުގެ އެހީތެރިކަމާއެކު ކަމަށާއި އެބޭންކާއި މިނިސްޓްރީއާއި ދެމެދު ވާހަކަތައް ކުރިއަށްދާ ކަމަށެވެ.

ޝަހީމު ވިދާޅުވީ މިސްކިތު ފަނޑަށް ލިބިފައިވާ ފައިސާ އިން އެއްވެސް ފައިސާއެއް އޮފީސް އިމާރާތް އެޅުމަށް ބޭނުން ނުކުރުމަށް މިހަރު ނިންމާފައިވާ ކަމަށާއި އެއިމާރާތް އަޅުމަށް ބޭނުންވާ ފައިސާ އެކި ފަރާތްތަކުން ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ސައުދީ އަރަބިޔާގެ މައްކާގައި އޮންނަ އޯއިސީގެ ބައްދަލުވުމުގައި ވެސް ގައުމު ތަކުގެ އެކިއެކި ބޭފުޅުނަށް ވަގުފު ފަނޑުގެ މައުލުމާތު ދެއްވާ އަދި ފަންޑަށް ފައިސާ ހޯއްދަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތްތަކަށް އެހީވުމަށް ހުޅުވަފައިވާ ވަގުފު ފަންޑަށް މިހާތަނަށް ވަނީ 15 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އޭގެތެރެއިން 4.9 މިލިއަން ރުފިޔާވަނީ އެކި މިސްކިތްތަކުގެ މަރާމާތަށް ހަރަދުކޮށްފައެވެ.