ތައިލެންޑް އެމޭޗާ އެސޯސިއޭޝަން އޮފް ޕަވާލިފްޓިން (ޓާޕް) ކޮލިފައިން ދޭއްގައި ވާދަކުރި ރާއްޖޭގެ ޕަވާލިފްޓިން ޓީމުން ހަ މެޑަލްއާއެކު ތަފާތު ދައްކައިފިއެވެ.

މި މުބާރާތުގައި ވާދަކޮށް ރާއްޖެއިން ވަނީ ހަތަރު ރަން މެޑަލާއި ދެ ރިހި މެޑަލް ހޯދާފައެވެ. މިއީ އިންޓަނޭޝަނަލް ޕަވާލިފްޓިން ފެޑެރޭޝަން (އައިޕީއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މުބާރާތުގައި ރާއްޖެއިން ވަނީ ޖުމްލަ ހަ އެތުލީޓުން ވާދަކޮށްފައެވެ. އެއީ ހަތަރު ފިރިހެން އެތުލީޓުންނާއި ދެ އަންހެން އެތުލީޓުންނެވެ.

ފިރިހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ އިމްކާން އިބްރާހިމް، އާދަމް މިބްސާމް ސަލީމް، ރިކްޒު އާދިލް ޖަލީލް، އިބްރާހިމް ތޯއިފް އަހުމަދެވެ. އަދި އަންހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ ދީނާ އަބޫބަކުރާއި މަރިޔަމް އަފްޒާ ހަސަނެވެ.

މުބާރާތުގައި ރާއްޖެއިން ހޯދި މެޑަލްތައް

  • މަރިޔަމް އަފްޒާ ހަސަން - އަންހެނުންގެ 47 ކިލޯގެ އޯޕަން ކެޓަގަރީން ރަން މެޑަލް

  • އާދަމް މިބްސާމް ސަލީމް - ފިރިހެނުންގެ 66 ކިލޯ އޯޕަން ކެޓަަގަރީން ރަން މެޑަލް
  • ރިކްޒު އާދިލް ޖަލީލް - ފިރިހެނުންގެ 59 ކިލޯ އޯޕަން ކެޓަގަރީން ރަން މެޑަލް
  • އިބްރާހިމް ތޯއިފް އަހުމަދު - ފިރިހެނުންގެ 66 ކިލޯގެ އޯޕަން ކެޓަގަރީން ރަން މެޑަލް
  • އިމްކާން އިބްރާހިމް - ފިރިހެނުންގެ 74 ކިލޯގެ އޯޕަން ކެޓަގަރީން ރިހި މެޑަލް
  • ދީނާ އަބޫބަކުރު - އަންހެނުންގެ 63 ކިލޯ ކެޓަގަރީން ރިހި މެޑަލް

މީގެއިތުރުން ރާއްޖޭގެ މިބްސާމް ވަނީ 66 ކިލޯގެ އޯޕަން ބައިގައި ވާދަކޮށް ޖުމްލަ 578 އުފުލާފައެވެ. އެއާއެކު އޭނާއަށް ވަނީ މުޅި މުބާރާތުގެ ޖުމްލަ ނަތީޖާއާއެކު ދެވަނަ ލިފްޓަރުގެ މަގާމު ލިބިފައެވެ. އަދި ތައިލެންޑްގެ ޖޫނިއާ ރެކޯޑެއްވެސް ހަދާފައެވެ.

މި ކާމިޔާބީއަށްފަހު "ސަން" އާއި ވާހަކަދައްކަމުން ޓީމުން ބުނީ މިއީ އަދި ފެށުމެއް ކަމަށާއި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ވެއިޓްލިފްޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދަށުން ރާއްޖޭގައި ޕަވާ ލިފްޓިން ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ.