ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ކުރާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ކޯޓަށް ހުށަނޭޅޭނެ ކަމަށް އަލީ ވަހީދުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ނަންގަވައި އަލީ ވަހީދުގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ދައުވާ އަނބުރާ ގެންދިޔުމަށްފަހު އަލުން ދައުވާ ކުރުމަކީ ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިޖުރާއީ ނުކުތާއާމެދު ކޯޓުން ނިންމާ ގޮތެއް ލިޔުމުން ބޭނުންވާ ކަމަށާއި އިޖުރާއީ ނުކުތާ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ސުއޫދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާ އަނބުރާ ގެންދިޔުމަށް ފަހު އަލުން ދައުވާ ކުރުމަކީ އެއީ އަލަށް ކުރާކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ޕީޖީ އޮފީހުން އެގޮތަށް އަމަލު ކޮށްފައިވާނެ ކަމަށެވެ. އަދި އެއީ ގަނޫނީ ގޮތުން ޕީޖީއަށް ލިބިގެންނުވާ ބާރެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މަހުލޫފްގެ ވަކީލު ގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ދައުވާއަށް މަހުލޫފު އިންކާރު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މަހުލޫފު ނުކިޔަމަންތެރިވީ ކޮންކަމަކަށް ކަމެއް ދައުވާއިން އެނގެން ނެތްކަމަށެވެ.

އޭނާ ވިދާޅުވީ ތަހުގީގު ބަޔާންތައް ބަލާއިރު އެ މައްސަލައިގައި 100 ވަރަކަށް މީހުން ހިމެނޭކަން އެނގޭއިރު ވަކި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަކީ އެއީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ރިޒާގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަން ތަހުގީގަށް އެނގުނަސް އެއީ ކޮންބައެއް ކަން އެނގިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގަށް އެނިފައިވަނީ އެ ދެ ބޭފުޅުން ކަމަށާއި ހެކިބަސް ލިބިފައި ހުރީވެސް ހަމައެކަނި އެ ދެ ބޭފުޅުންގެ މައްޗަށް ކަމަށެވެ. އެހެންކަމުން ދައުވާ ކުރެވޭނީ ހެކިބަސް ލިބިފައި ހުރި ބައެއްގެ މައްޗަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ސުއޫދު ނެންގެވި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވާނެކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެސަރަހައްދަށް އެއްވެ ކުރި މުޒާހަރާގައި މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރު ބަޔަކާއި އެކު އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއްފަރާތްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅީ 2010 ވަނަ އަހަރު އެވެ. ނަމަވެސް އޭރު ޕީޖީ އޮފީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެއިރު ދައުވާ އަނބުރާ ގެންގޮސްފައި ވަނީ ސިވިލް ސާވިސް ކޮމިޝަން ތެރެއަށް ވަދެ އެތަނުގައި ހަމަ ނުޖެހުން ހިންގި ދެ މީހެއްގެ މައްސަލަ ތަހްގީގު ކުރުމަށް އެންގުމުން ފުލުހުން އެ މައްސަލަ ތަހްގީގު ކޮށްފައި ނުވާތީ ކަމަށެވެ. އަދި މިހާރު އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅީ ސިވިލްސާވިސް ކޮމިޝަންތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން އެ އޮފީހަށް ފޮނުވުމުން އެ މައްސަލައާއި އެކު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ސިވިލްސާވިސް ކޮމިޝަންތެރެއަށް ވަދެ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މއ. ކުޑަދުންމާރިގޭ، މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް، ހުސައިން އިލްހާމްގެ މައްޗަށެވެ.