24 Aug 2025, 09:12
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ.
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. ގައުމީ ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން -- ފޮޓޯ/ ރައީސް އޮފީސް
ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއް ކުރުން ވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައިވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގައެވެ.
އެއަށް ފަހު، ރައީސް މުއިއްޒު ވަނީ އުތީމަށް ފުރާވަޑައިގެންފައެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ އުތީމުގައެވެ. އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިއަދު 10:00 ގައެވެ. އެ ޖަލްސާގައި އުތީމު ގަނޑުވަރު ބެެލެހެއްޓުމުގައި ކުރި މަސައްކަތަށް، ރަށުގެ ރައްޔިތުންނަށް ޚާއްސަ ޝަރަފެއް އަރުވަން ވެސް ވަނީ ނިންމާފައެވެ.
ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.