ޖިއްދާ (އޮގަސްޓް 9) : މި އޮގަސްޓް މަހުގެ 14 ން 15 އަށް މައްކާގައި ބޭއްވަން ހަމަޖެހިފައިވާ އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ޤައުމުތަކުގެ އިސްވެރިންގެ އިސްތިސްނާއީ ސަމިޓަށް ސޫރިޔާއަށް ދަޢްވަތު ދެވިފައިނުވާކަމަށް އެ ޖަމްޢިއްޔާއިން ބުނެފި އެވެ.

އޯއައިސީގެ ގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ އެޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީން ރިކޮމެންޑް ކޮށްފައިވަނީ މި އިސްތިސްނާއީ ސަމިޓަށް ސޫރިޔާއަށް ދައްވަތު ނުދިނުމަށް ކަމަށެވެ. ނަމަވެސް މިކަމާބެހޭ އެންމެ ފަހުގެ ނިންމުން ނިންމާނީ ސަމިޓްގެ ކުރިން ބާއްވާ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ކަމަށާ ސޫރިޔާ ސަރުކާރުގެ ސުލޫކު މިހާރު ހުރިގޮތުން އެޤައުމުގެ ރައީސް ބައްޝާރުލް އަސަދަށް ދަޢްވަތު ދިނުމުގެ ރޫހު އޯއައިސީގައި ނެތްކަމަށް އޮގްލޯ ވިދާޅުވި އެވެ.

ސަޢޫދީ ރަސްގެފާނު ޢަބްދުﷲ ގެ ދަޢްވަތަކަށް ބާއްވާ މި އިސްތިސްނާއީ ސަމިޓަށް އެޖެންޑާ ކުރެވިފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ އިސްރާއީލުން ހިފާފައިވާ ޤުދްސާއި ފަލަސްތީނުގެ މައްސަލައިގެ އިތުރުން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ސަރުކާރުންނާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ހިންގަމުންގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ މައްސަލައާއި ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ މައްސަލައެވެ. އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓެއް އެންމެ ފަހުން ބޭއްވީވެސް އިސްތިސްނާއީ ގޮތެއްގައި މާތްވެގެންވާ މައްކާގައެވެ. އެއީ 2005 ގައި އޭރުގެ ސައޫދީ ރަސްގެފާނު ފަހްދުގެ ދަޢްވަތަކަށެވެ.

މިފަހަރުގެ ސަމިޓް މިބޭއްވެނީ އިސްލާމީ އުންމަތަށާއި މުސްލިމުންނަށް އެތެރެއާއި ބޭރުގެ ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަރަށް ޚުތޫރަތްތެރި ދަނޑިވަޅެއްގައި ކަމަށް އޮގްލޯ ވިދާޅުވިއެވެ. މީގެތެރޭގައި އިސްލާމީ ބައެއް ޤައުމުތަކުގައި ހަމަނުޖެހުންތަކާއި ހަނގުރާމައާއި ދާޚިލީ ފިތްނަވެރިން އުފެދިފައިވުމާއި ބައެއް ޤައުމުތަކުގެ ވެރިކަން ރައްޔިތުންގެ އިންޤިލާބުތަކުގައި ވެއްޓި ވެރިކަން ބަދަލުވެފައިވުމާއި ބައެއް ޤައުމުތަކަށް ބޭރުގެ ފިއްތުންތަކާއި ޙަމަލާތައް އަމާޒުވެފައިވުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. -- ނޫސް އެޖެންސީތައް