24 Aug 2025, 08:04
ދިވްޔާ ކޯސްލާ އަދި ނީލް ނިތިން މުކޭޝް ލީޑް ރޯލް ކުޅެފައިވާ ފިލްމު "އޭކް ޗަތުރު ނާރް" އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ފިލްމުގެ ޓީޒާ ރިލީޒްކުރުމާ އެކު މިއީ ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ޕްލޮޓަކަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ ފިލްމަށް އިންތިޒާރުކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ތުރިލާ ފިލްމަކީ ފައިސާއާ ގުޅުންހުރި ސިއްރު ރޭވުންތަކެއް ރާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް، ފިލްމުގެ ސަސްޕެންސް އިތުރުކުރުމަށްޓަކައި މައިގަނޑު ޕްލޮޓް ޓީޒާއިން ދައްކާފައެއް ނުވެއެވެ.
ދިވްޔާއާއާއި ނީލްގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ޗާޔާ ކަދަމް، ސުޝާންތު ސިންގް، ރަޖްނީޝް ދުއްގަލް، ޒާކިރު ހުސައިން، ޔަޝްޕަލް ޝަރުމާ އަދި ގީތާ އަގަރުވާލް ޝަރުމާ ހިމެނެއެވެ.

ފިލްމު "އޭކް ޗަތުރު ނާރް"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ
ފިލްމު "އޭކް ޗަތުރު ނާރް"ގެ ޓީޒާ ގެނެސްދީފައި ވަނީ މަޝްހޫރު އެކްޓަރު ރަވީ ކިޝަންގެ އަޑުންނެވެ. މިއީ ނީލް އާއި ދިވްޔާ އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. ޓީ-ސީރީސްއިން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސް ކުރަނީ މެރީ ގޯ ރައުންޑު ސްޓޫޑިއޯސްއާ ގުޅިގެންނެވެ.
ޓީ-ސީރީސްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ވަނީ މީގެކުރިންވެސް އެ ކުންފުނީގެ ފިލްމުތަކުން ފެނިފައެވެ. އޭގެތެރޭގައި "ސަނަމް ރޭ" އާއި "ޔާރިޔާން" ހިމެނޭއިރު މިދިޔަ އަހަރު ޓީ-ސީރީސްއިން ގެނެސްދިން އެކްޝަން ތުރިލާ "ސާވީ"އިން ވެސް ދިވްޔާ ވަނީ ފެނިފައެވެ.
ފިލްމު "އޭކް ޗަތުރު ނާރް" އަންނަ މަހުގެ 12 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މި ފިލްމުގެ ޑައިރެކްޓަރު އުމޭޝް ޝުކްލާގެ އެހެން ފިލްމެއް ވެސް ހަމަ އެ ތާރީޚުގައި ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.