މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަތުމަށް ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޝަރުތަކާ ނުލައި މަޖިލީހުގެ މަޝްވަރާތަކުގައި ރައީސް ވަހީދު އިށީއްނެވުމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، ރައީސް އޮފީހުގެ ސްޕޯސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ މަޖިލީހުގެ މަޝްވަރާތަކުގައި ރައީސް ބައިވެރިވެވަޑައި ގެންނެވުމާމެދު އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ހުށަހެޅުއްވުމަކަށް މަޖިލިސް މަޝްވަރާތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުން ދޭ ލަފާގެ މަތިން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީތަކުގެ ލަފާ ހޯދުމަށް ވަރަށް އަވަހަށް ޕާޓީތަކާއެކު ރައީސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ސިޔާސީ މަސްރަހު ފިނި ކުރުމަށް އޯލް ޕާޓީ ޓޯކްސްއާއި މަޖިލީހުގެ ތެރެއިން ވެސް މަޝްވަރާތައް ކުރިޔަށް ގެންދަން ކުރިން ވެސް ސަރުކާރުން ގޮވާލި ކަމަށައި އޭރު އެމްޑީޕީން އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.

"މަޖިލީހުގެ ތެރެއިންނާއި އޯލް ޕާޓީ ޓޯކްސްއާއެކު މި ދެ 'ޓްރެކް' ހިންގުމަށް ސަރުކާރުން ކުރީގައި ވެސް ވަނީ ގޮވާލައިފައި. އެހެނަސް މީގެ ކުރީގައި މިބޭފުޅުން [އެމްޑީޕީން] މަޖިލިސް ހިޔާރެއް ނުކުރެއްވި. އެހެންނަމަވެސް މިހާރު މަޖިލިސް ހިޔާރު ކުރައްވަން ގަސްތު ކުރައްވާ ކަމަށް ކަމަކީ ރަނގަޅު ކަމެއް،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މަޖިލިސް ހުއްޓުވައިގެން ރައީސް ވަހީދު މަޖިލީހަށް ގެންގޮސް މަޝްވަރާ ކުރައްވަންޖެހޭ ސަބަބަކާ މެދު ސުވާލު އެފެދޭ ކަމަށާއި ނަމަވެސް ސުލްހައިގެ މަގު އިހްތިޔާރުމަށް ރައީސް ވަހީދު އިސްކަންދެއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ކުރިއަށް ގެންދަވާ މަޝްވަރާއެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާން ޖެހޭތޯ ނުވަތަ ނޫންތޯ އެ ސުވާލު އެބައުފެދޭ،"

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައި ވަނީ މަޖިލީހުގެ މަޖިލީހުގައި ކުރާ މަޝްވަރާތަކަށް ރައީސް ވަހީދަށް ބައިވެރިވެ ވަޑައިގަތުމަށް އެމްޑީޕީން އެދެނީ މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި ނޫން ކަމަށާއި އެއީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް ހުއްޓުވައި ސަރުކާރުން އެހެން މަގެއް އިހްތިޔާރު ކުރަމުންދާތީ ކަމަށެވެ.