09 Aug 2012, 12:26
ކުޑަ ދެ އަންހެން ކުއްޖަކަށް ބަނގުރާ ބޯންދީ މަސްތު ކުރުވުމަށްފަހު ގަދަކަމުން ބަދު އަޚުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ހުޅުމާލޭގައި ހިންގާފައިވާ މި އަމަލާ ގުޅިގެން ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އުމުރުން 37 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ ހުޅުމާލެއިންނެވެ.
ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ގާތްގަނޑަކަށް އުމުރުން 15 އަހަރުގެ ދެ އަންހެން ކުދިންނަށް ކުލީ ކޮޓަރީގެ ތެރޭގައި ޖިންސީ ގޯނާ ކޮށްފައިވަނީ ހުޅުމާލެއަށް ގެންގޮސް ބަނގުރާ ބޯންދީ މަސްތު ކުރުވުމަށްފަހު އެވެ. އަދި އެ ގެއަށް ފުލުހުން ވަން އިރު އެމީހުން ތިބި ކޮޓަރީގެ ތެރޭ ރާ ފުޅިއެއް ހުރިއިރު ޖިންސީ ގޯނާތައް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ބަރަހަނާކޮށް ކޮޓަރީގެ ތެރޭގައި އޮތެވެ.
ފުލުހުން ބުނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލައިގައި ތަހުގީގު ފަށާފައިވާ ކަމަށެވެ.