ހަޔާތް ބަރުބާދުވެއްޖެ ކަމަށް ބުނެ، މީގެ 22 އަހަރު ކުރިން އަނބިމީހާއަށް ހިބައިން ދިން ގޯތި އަތުލަން ދިވެހި ފިރިހެނަކު ސިވިލް ކޯޓަށް ހިނގައްޖެއެވެ.

މިއީ، 2003 ވަނަ އަހަރު، މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔަކު އޭނާގެ ގޯތިން ބައެއް އޭނާގެ އަންހެނުންނަށް ދިނުމަށް ފަހު އަލުން އެ ގޯތި އަތުލަން ހުށަހެޅި މައްސަލައެކެވެ.

ހިބަ ކަނޑައި، ގޯތި އަތުލަން މި މީހާ ކޯޓަށް ހުށަހެޅީ، އޭނާގެ ކުރީގެ އަންހެނުންނަށް ލިބިފައިވާ ދެ ދަރިންގެ ހައްގެއްވެސް އެ ގޯތީގައި ހިމެނޭ ކަމަށް ބުނެ، އަދި އެކަމުގެ ސަބަބުން ދިރިއުޅުން ބަރުބާދު ވެއްޖެ ކަމަށް ބުނެއެވެ.

މި މައްސަލައިގައި، ދައުވާ ކުރި ފަރާތުގެ އަނބިމީހާވަނީ ހިބަ އަނބުރާ އަތުލުމަށް ކުރި ދައުވާއަށް ޝަރީއަތުގައި އިންކާރުކޮށްފައެވެ. އެހެންކަމުން 22 އަހަރު ކުރިން ހިބަކޮށްދީފައިވާ ގޯތި އަލުން އަނބުރައި ފިރިހެން މީހާއަށް ލިބޭ ގޮތެއް ޝަރީއަތުން ނުވިއެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި މިދިޔަ ހަފުތާގައި ނިންމާފައިވަނީ ހިބަ އަނބުރާ ރުޖޫއަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މާލޭ، ހެންވޭރުކޮޅުން ހިބަކޮށްދީފައިވާ 1000 އަކަފޫޓްގެ މި ގޯތީގެ މައްސަލައިގައި އަންހެން މީހާވަނީ ބިން ބައިކުރުމާއި އައްޔަން ކުރުމަށް ވަކި މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި މި މައްސަލައަށް ވަކިން ކުރި ހުކުމުގައިވަނީ، ކުރިން އެ ގޯތީގެ މައްސަލަ ނިންމާފައިވާތީ އަލުން ނިންމާނެ ކަމެއް ނެތް ކަމަށެވެ.

މި މައްސަލައަކީ މަޝްހޫރު ވިޔަފާރިވެރިޔަކާއި މަޝްހޫރު އަންހެނެއް ހިމެނޭ މައްސަލައެކެވެ. މި މައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ ސިޔާސީ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅޭ އަންހެނެކެވެ.