އުރުގައޭގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލް ޓީމްގެ ފަރިތަކުރުންތައް ފަށާފައި ވާއިރު، އެޓީމުގެ ކޯޗެއްގެ ގޮތުގައި މިހާރު އަލަށް ހަވާލުވެފައި ހުރީ ބްރެންޑަން ރޮޖާސް އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮޖާސްގެ ކޯޗް ކަމުގެ ދަށުން އަންނަ ސީޒަނަށް ތައްޔާރު ވުމަށް ލިވަޕޫލުން ވަނީ އެކުވެރި ކަމުގެ މެޗްތަކެއް ކުޅުމަށް ހަމަޖެހިފަ އެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުޑަދުވަސް ކޮޅެއްގެ ކުރިން ލިވަޕޫލުން ވަނީ ޔޫރޮޕާ ލީގް ކޮލިފައިންގެ މެޗެއްވެސް ކުޅެފަ އެވެ. ޔޫރޮޕާ ލީގު ކޮލިފައިންގައި ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު އެފްސީ ގޮމެލްއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް ލިވަޕޫލްއިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.