23 Aug 2025, 21:30
ބުންޑެސްލީގާގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ބަޔާންއިން ކާމިޔާބުކޮށްފިއެވެ.
ބަަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭންވަނީ ހެޓްރިކެއް ހަދައިފައެވެ.
ބަޔާންއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. އަދި މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ބަޔާންގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަރަށް ފަހުން އެ ޓީމާއި ގުޅުނު ލުއިސް ޑިއާޒްއެވެ. މިއީ އޭނާ ބުންޑެސްލީގާގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ބަޔާންއިން ލެއިޕްޒިގް ބަލިކޮށް، ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި -- ފޮޓޯ/ ބަޔާން އެފްސީ
މި މެޗުގައި ބަޔާންގެ ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން އޮލީސޭއެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ ބަޔާންއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަނެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ބަޔޭންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީ ކޭންވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި މި ލަނޑު ޖެހިތާ 10 މިނެޓް ފަހުން ކޭން އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ 77 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ.
މި ކާމިޔާބީއާއެކު އެ ޓީމުގެ ފުރަތަމަ މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ބަޔާންއިން ވަނީ ލީގުގެ އެހެން ހުރިހާ ޓީމުތަކަކަށް ވަރުގަދަ މެސެޖެއް ދީފައެވެ.
ގިނަ ބަދަލުތަކަކާއެކު އާ ސީޒަނަށް ކުރިމަތިލި ލެއިޕްޒިގް އަދި މުޅިން ހަމައަކަށް އެޅުމަށް ވަގުތު ނަގާނެކަމަށް މި މެޗުގައި ފާހަގަވިއެވެ. އަދި މުޅި މެޗުގައިވެސް ބަޔާންގެ ގޯލަށް އަމާޒުކޮށް ލެއިޕްޒިގްއަށް ފޮނުވައިލީ އެންމެ ހަމަލާއެކެވެ.