ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ރަމަޟާން ކެރަމްކަޕްގެ ފިރިހެން ސިންގަލްސްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ގަދަ ސޯޅައަށް ކުޅުންތެރިން ހޮވިއްޖެ އެވެ.

އަށް ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ދެ ކުޅުންތެރިން ގަދަ ސޯޅައަށް ހޮވޭ އުސޫލުން ކުޅެވުނު ގުރޫޕް ސްޓޭޖުގެ މެޗުތައްނިމި ގަދަ ސޯޅައިން ފެށިގެން ނޮކްއައުޓް އުސޫލޫން ކުޅޭ މެޗުތައް ރޭ ފެށުނުއިރު މި ރައުންޑަށް ހޮވިފައިވާ ކުޅުންތެރިންނަކީ ހުސެއިން ނީޝާމާއި އަބްދުލް ހަމީދު (ކޫޑު) އާއި ސަދޫހު ސާމިޢު އާއި މުހައްމަދު ނޫރުޝާނާއި މުހައްމަދު އިބްރާހިމާއި އަބްދުﷲ ލަބީދު އާއި އަލީ އަކްރަމް އާއި އަބްދުﷲ ފިރުޝާނާއި ހުސެއިން އަލީ އާއި ހުސެއިން ފާރިޙް އާއި ހަސަން ޝާމިން އާއި ހަސަން ނާޒިމާއި އާދަމް އަދީލާއި ޝަފްރާޒް އާދިލާއި ޝާފީ މުހައްމަދު އަދި އިބްރާހިމް ނާޒިމް އެވެ.

މީގެއިތުރުން މިމުބާރާތުގެ އަންހެން ސިންގަލްސްގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ރޭވަނީ ކުޅެވިފަ އެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުޅެވޭ މި އިވެންޓުން ކޮންމެ ގުރޫޕަކުން ދެ ކުޅުންތެރިން ގަދަ އަށަކަށް ހޮވުމަށްވަނީ ހަމަޖެހިފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 58 ފިރިހެން ކުޅުންތެރިއަކާއި 22 އަންހެން ކުޅުންތެރިއަކު ވާދަކުރެ އެވެ. މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން އަދި އަންހެން ސިންގަސް އާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓެވެ.

ކޮންމެ ރެއަކުވެސް ރޭގަނޑު 9:15 އިން 12:00 އަށް ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލަން ވަނުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.