23 Aug 2025, 10:08
ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ޝައުގުވެރިވާ ކަހަލަ މަދު ފިލްމީ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމަށް ކަމަށް ސައުތު އިންޑިއާގެ މަގުބޫލު ބަތަލާ ސަމަންތާ ޕްރަބޫ ބުނެފިއެވެ.
ސަމަންތާ ދާދިފަހުން ގްރެޒިއާ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ ކެރިއަރުގެ އިތުރުން އަމިއްލަ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ފިލްމީ ކެރިއަރުގައި މިހާތަނަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފަމުން އައި ނަމަވެސް އެކަން މާޒީވެ ހިނގައްޖެ ކަމަށާއި ފިލްމީ ކެރިއަރުގެ ނިންމުންތަކަށް އިސްކަންދިނުމުގައި ގެންގުޅުނު އުސޫލުތައް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސަމަންތާ އަދި ބޮލީވުޑް އެކްޓަރު ވަރުން ދަވަން "ސިޓަޑެލް"ގެ މަންޒަރެއްގައި--ފޮޓޯ/އިންސްޓަގްރާމް
އެގޮތުން ފިލްމަކަށް ސޮއިކުރާއިރު އަމިއްލަ ސިއްހަތަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި އެ ފިލްމަކަށް ސޮއި ކުރަނީ ވެސް ސިއްހަތަށާއި ނަފުސާނީ ދުޅަހެޔޮކަމަށް އެ ފިލްމަކުން އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އޮވެއްޖެނަމަ ކަމަށް ސަމަންތާ ވަނީ ބުނެފައެވެ.
އެހެންވެ މާގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ފިލްމުތައް ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ސަމަންތާ މި އިންޓަވިއުގައި ބުނެފައިވެއެވެ.
ސަމަންތާ ވަނީ މިހާތަނަށް ގިނަ އަދަދެއްގެ ފިލްމުތަކާއި ސީރީސްތަކުގައި މަސައްކަތްކޮށްފައި ކަމަށާއި އޭގެތެރެއިން ގިނަ ފިލްމީ ޕްރޮޖެކްޓްތަކަކީ ހަގީގަތުގައި ބަތަލާ ކޮންމެހެން މާބޮޑަށް ބޭނުންވެގެން ކުޅުނު ފިލްމުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
ސަމަންތާގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތަކަށާއި ޚާއްސަކޮށް ފިލްމީ ކެރިއަރާ ގުޅުންހުރި ނިންމުންތަކަށް މިހާބޮޑު ބަދަލެއް އައީ ބަތަލާ ފަރުވާ ހޯދަމުން އަންނަ މަޔޯސިޓިސް ނަމަކަށް ކިޔާ ބައްޔަށް ޑައިގްނޯސްވުމާ ގުޅިގެންނެވެ.
މި ބައްޔަށް ޑައިގްނޯސްވުމާ އެކު ސަމަންތާ ވަނީ އެއް އަހަރު ދުވަސް ވަންދެން އެމެރިކާގައި އެ ބައްޔަށް ފަރުވާ ހޯދުމަށް ދިރިއުޅުން ބަދަލުކޮށް ފިލްމީ މަސައްކަތްތަކުން ވެސް ބޮޑު ބްރޭކެއް ނަގާފައެވެ.
ބަލިން ރަނގަޅުވެ ސަމަންތާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުތެރޭގައެވެ. ސަމަންތާ އަމިއްލައަށް ފެށި ޕޮޑްކާސްޓް ޝޯއަށްފަހު ބަތަލާ ދެން ފެނުނީ އެމެޒޯން ޕްރައިމްގެ ވެބް ސީރީސް "ސިޓަޑެލް"ގެ މަސައްކަތްތަކުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭ ރިލީޒްކުރި މި ސީރީސްއަށްފަހު ބަތަލާގެ އިތުރު ފިލްމެއް ރިލީޒްވެފައެއް ނުވެއެވެ. ނަމަވެސް ސަމަންތާ އަންނަނީ އަދި އިއުލާނު ނުކުރާ ދެ ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ނެޓްފްލިކްސްއިން އުފައްދާ ވެބް ސީރީސްއެއް ވެސް ހިމެނެއެވެ.