17:00


އަމިއްލަ މީޑީޔާތަކަށް މި އަހަރުގެ ބަޖެޓުން ދޭން ނިންމި ހަތަރު މިލިއަން ރުފިޔާގެ ސަބްސިޑީ މިހާތަނަށް ވެސް ދީފައި ނުވާތީ އެ ފައިސާ އަވަހަށް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭ) އިން ގޮވާލައިފި އެވެ.


އެމްޖޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އަމިއްލަ މީޑިޔާތަކަށް މި އަހަރުގެ ބަޖެޓުން ދޭން ނިންމި ހަތަރު މިލިޔަން ރުފިޔާ ދީފައި ނުވާ އިރު ޖަޕާނު ސަރުކާރުގެ އެހީއެއްގެ ތެރެއިން މީޑީޔާގެ އެކިއެކި މަސައްކަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ދެއްވާނެ ކަމަށް ވިދާޅުވި ދެ މިލިއަން ރުފިޔާ ވެސް ދީފައި ނުވާ ކަމަށެވެ.


ބެޖެޓުގައި ހިމަނައިގެން މީޑިޔާތަކަށް ދިނުމަށް ކަނޑައެޅި ސަބްސިޑީ ފައިސާ ލަސްނުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައި، އެމްޖޭގެ ނޫސް ބަޔާނުގައި ބުނަނީ ބަޖެޓުން ދޭން ކަނޑައަޅާ އެއްޗެއް، ނުދީ ގިނަ ދުވަސްތައްވުމަކީ  އެކަމަކާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.


 ޖަޕާނު ސަރުކާރުގެ ލޯނު އެހީގެ ތެރެއިން މީޑިޔާގެ ކަންކަން ތަރައްޤީ ކުރުމަށް ދެ މިލިއަން ރުފިޔާގެ އެހީއެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އިއުލާނު ކުރެއްވުމުން، 27 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. ނަމަވެސް މިއަދާ ހަމަ އަށް އެއިން އެއްވެސް ފަރާތަކަށް ވެސް އެހީއެއް ދީފައެއް ނުވެ އެވެ.


"ޅަފަތުގައި އޮތް ޑިމޮކްރަސީއެއް ހަރުދަނާ ކުރުމުގައި ނޫސްވެރިކަން އަދާ ކުރާ ދައުރު ބޮޑުކަމުގައި ވާއިރު، ނޫސްވެރިކަން ދިރުވާ ދެމެހެއްޓުމަށް ސަރުކާރުން އެހީތެރިވުމަކީ ލާޒިމު ކަމެއްކަމުގައި ދެކިގެން، އަދި ދައުލަތުގެ ބަޖެޓުންނާއި ސީދާ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިގެން، މީޑިޔާތަކަށް ދެއްވަން ވިދާޅުވި އެހީ ނުލިބި ފަސް މަހަށް ވުރެ ގިނަދުވަސް ވެފައިވާތީ އެ އެހީ އަވަހަށް ދެއްވައި ޚަލާސް ކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.


އަމިއްލަ މީޑިޔާތަކަށް ސަބްސިޑީ ދޭނެ އުޞޫލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން، ކަނޑައަޅައި އެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް މި އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުން ވަނީ އަންގަވާފަ އެވެ. ދައުލަތުގެ ބަޖެޓުން  ކަނޑައެޅި މިންވަރުގެ 50 ޕަސެންޓް ދިނުމަށް ނިންމާފައި ވަނީ އަމިއްލަ ޓީވީ ސްޓޭޝަންތަކަށެވެ. އަމިއްލަ ރޭޑިއޯ ސްޓޭޝަންތަކަށް 35 ޕަސެންޓެވެ.  އަމިއްލަ ދުވަހު ނޫސްތަކަށް ދިނުމަށް ނިންމާފައި ވަނީ 15 ޕަސެންޓެވެ. ­­­­­