މަޖިލިހުގެ ޖަލްސާތައް ވީހާވެސް އަވަހަށް ބާއްވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދަށް ގައުމީ ޕާޓީގެ ހަމައެކަނި މެންބަރު، ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ސޮއި ކުރައްވައި ސީޓިއެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި ބުނެފައިވަނީ މަޖިލިހުގެ ޖަލްސާތައް އެމްޑީޕީން ހުރަސް އެޅުމުގެ ސަބަބުން ހުއްޓާލާފައި އޮތުމުން ދައުލަތުގެ ތިންބާރު ތެރޭގައި ހިމެނޭ ގާނޫނު ހެދުމުގެ ބާރު އެމްޑީޕީގެ ނުފޫޒުން ހުއްޓާލަފައި އޮތުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފުކަމަކަށް ވަތީ މަޖިލީހުގައި ހިމެނޭ މެޖޯރިޓީ ޕާޓީތަކުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީގެ ސިޓީގައި ބުނެފައިވަނީ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުރަސް އަޅާ މައްސަލަ ވީ އެންމެ އަވަހަކަށް ކޮމަންވެލްތާއި ސީމެގަށް އަދި އައިޕީޔޫއަށް ވެސް ހުށައަޅައިދެއްވުން އެދޭ ކަމަށެވެ.

"... މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުރަސް އަޅާ މައްސަލަ ވީ އެންމެ އަވަހަކަށް ކޮމަންވެލްތާއި ސީމެގަށް އަދި އައިޕީޔޫއަށް ވެސް ހުށައަޅައިދެއްވުން އެދެމެވެ. ކޮމަން ވެލްތުގެ މެންޑޭޓްގައި އެފަރާތުގެ މެންބަރު ގައުމުތަކުގެ ގާނޫނުއަސާސީ އާއި ހިލާފަށް، މިފަދަ ގޮތަކަށް ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ބަޔަކު ހިސޯރުކޮށްފި ނަމަ ވަގުތުން އެފަދަ މައްސަލައެއް ހައްލު ހޯދެއްވުމަށް މަސައްކަތްކުރުމަކީ އެ ޖަމާއަތުގެ އިހުތިސާސް ތެރޭގައި ވާކަމަކަށް ވާތީ މި މައްސަލަ ވީ އެންމެ އަވަހަކަށް އެފަރާތްތަކަށް ވެސް ހުށައަޅަން ދަންނަވަން،" ސިޓީގައި ވެއެވެ.

ސިޓީގައި އަދި ބުނަނީ މަޖިލީހުގެ ޖަލްސާތައް ހުއްޓާލުމުގެ ސަބަބުން މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި މިހާރު މާލެތެރޭގައި ހިނގަމުންދާ ޓެރެރިޒަމްގެ ހަރަކާތްތައް ހުއްޓުވާ އަދި އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ގާނޫނޫތައް ހުރީ ކޮމެޓީގެ މަރުހަލާގައި ކަމަށް ވުމުން ކޮމިޓީގެ މަސައްކަތްތަކާއި ޖަލްސާތައް ވީހާވެސް އަވަހަކަށް ފައްޓަވައި ދެއްވުމަށް މަޖިލިހުގެ ރައީސް މަސައްކަތްކޮށްދެއްވުމަށް އެދޭ ކަމަށެވެ.