09 Aug 2012, 11:22
މަޖިލިހުގެ ޖަލްސާތައް ވީހާ ވެސް އަވަހަށް ބާއްވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ސީޓިއެއް ފޮނުވައިފި އެވެ.
އިއްޔެގެ ތާރީހުގައި ރިޔާޒު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލިހުގެ ޖަލްސާތަކަށް އެމްޑީޕީން ހުރަސް އެޅުމުގެ ސަބަބުން ޖަލްސާތައް ހުއްޓާލާފައި އޮތުމުން ދައުލަތުގެ ތިންބާރު ތެރޭގައި ހިމެނޭ ގާނޫނު ހެދުމުގެ ބާރު އެމްޑީޕީގެ ނުފޫޒުން ހުއްޓާލަފައި އޮތުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމަކަށް ވަތީ މަޖިލިހުގެ މެޖޯރިޓީ ޕާޓީތަކުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
ރިޔާޒުގެ ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުރަސް އަޅާ މައްސަލަވީ އެންމެ އަވަހަކަށް ކޮމަންވެލްތާއި ސީމެގަށް އަދި އައިޕީޔޫއަށް ވެސް ހުށައަޅައިދެއްވުން އެދޭ ކަމަށެވެ.
".. މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުރަސް އަޅާ މައްސަލަ ވީ އެންމެ އަވަހަކަށް ކޮމަން ވެލްތާއި ސީމެގަށް އަދި އައިޕީޔޫއަށް ވެސް ހުށައަޅައިދެއްވުން އެދެމެވެ. ކޮމަން ވެލްތުގެ މެންޑޭޓްގައި އެފަރާތުގެ މެންބަރު ގައުމުތަކުގެ ގާނޫނު އަސާސީ އާ ހިލާފަށް މިފަދަ ގޮތަކަށް ދައުލަތުގެ ތިންބާރު އެއްބާރު ބަޔަކު ހިސާރުކޮށްފި ނަމަ ވަގުތުން އެފަދަ މައްސަލައެއް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ އެފަދަ ޖަމާއަތުގެ އިހުތިސާސް ތެރޭގައި ވާ ކަމަކަށް ވާތީ މި މައްސަލަ ވީހާ ވެސް އަވަހަކަށް އެފަރާތްތަކަށް ވެސް ހުށައަޅަން ދަންނަވަން،" ރިޔާޒުގެ ސިޓީގައިވެ އެވެ.
ރިޔާޒުގެ ސިޓީގައި ބުނެފައި ވަނީ މަޖިލިހުގެ ޖަލްސާތައް ހުއްޓާލުމުގެ ސަބަބުން މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި މިހާރު މާލެތެރޭގައި ހިނގަމުންދާ ޓެރެރިޒަމްގެ ހަރަކާތްތައް ހުއްޓުވާ އަދި އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ގާނޫނުތައް ހުރީ ކޮމެޓީގެ މަރުހަލާގައި ކަމަށް ވުމުން ކޮމިޓީގެ މަސައްކަތްތަކާއި ޖަލްސާތައް ވީހާ ވެސް އަވަހަކަށް ފައްޓަވަ ދެއްވުމަށް މަޖިލިހުގެ ރައީސް މަސައްކަތްކޮށްދެއްވުމަށް އެދޭ ކަމަށެވެ.