09 Aug 2012, 10:40
ޒިނޭގެ ހައްދު ފިޔަވައި ކޯޓުތަކުން ކުރާ އެހެނިހެން ހުކުމްތައް ތަންފީޒު ކުރަންޖެހޭނީ އެއިރެއްގެ އޮންނަ ސަރުކާރަކުންނެވެ. މިއަހަރުގެ މިހާތަނަށް ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކުގެ ތެރޭގައި އަރުވާލުމުގެ ހުކުމްތައް ވެސް ހިމެނެއެވެ. ނަމަވެސް އަރުވާލަން ކުރާ ހުކުމްތައް ސަރުކާރުން ތަންފީޒެއް ނުކުރެވެއެވެ. ހޯމް މިނިސްޓްރީން ބުނަނީ އަރުވާލަން ކުރާ ހުކުމްތައް ތަންފީޒު ކުރަނީ އެމީހާ ގޭބަންދުގައި ބަހައްޓައިގެން ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ބުނާގޮތުން ޝަރުއީ ކޯޓުތަކުން ހުކުމް ކުރުމުން އެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ އެ ހުކުމްގައިވާގޮތަށެވެ. ކުށްވެރިޔާއަށް މައާފު ދިނުމުގެ ބާރު މައާފު ދިނުމާއ އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ނަމަވެސް ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމުގައި ހުކުމް ކުރާގޮތް ނޫން އެހެން ގޮތަކަށް އަމަލު ކުރުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް އަދި ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވެއެވެ.
ދަށު ކޯޓަކުން ކުރާ ހުކުމަކަށް ބަދަލު ގެނައުމުގެ ބާރު ހަމައެކަނި ލިބިގެން ވަނީ ހައިކޯޓާއި ސުޕްރީމް ކޯޓަށެވެ. އެއާއި ޚިލާފަށް އަރުވާލަން ހުކުމް ކުރުމުން އޭގެ ބަދަލުގައި އެހުކުމް ތަންފީޒު ކުރެވެން އޮތީ ގޭބަންދަށް ބަދަލުކޮށްގެންކަމަށް ބުނެ އެފަދަ މީހުން ގޭބަންދަށް ބަދަލުކުރުމަކީ ގާނޫނާއި އެއްގޮތަށް ޑީޕީއާރްއެސް އިން ކުރާ ކަމެއްކަމަށް ނުބެލެވޭނެ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ވިދާޅުވި ގޮތުގައި އަރުވާލަން ހުކުމް ކުރިއަސް އެފަދަ މީހުން އަރުވާނުލެވެނީ ރަށްރަށުގެ ކައުންސިލްތަކުން އެމީހުން ބަލައިނުގަންނާތީ އެވެ.
ގާނޫނު އަސާސީގައި ކޮންމެ މީހަކުވެސް ގާނޫނު އަސާސީއާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކަށާއި ކޯޓުތަކުން ކުރާ ހުކުމްތަކަށް ތަބާވާންޖެހޭނެކަމަށް ބުނާއިރު އަރުވާލަން ހުކުމް ކުރާމީހުން ގޭބަންދަށް ބަދަލުކުރާ ކުރުމަކީ ހައްލު ހޯދަން ޖެހޭ ކަމެކެވެ.
ގާނޫނީ ވަކީލުން ވިދާޅުވާގޮތުގައި އަރުވާލަން ކުރާ ހުކުމް ކުރުމުން ހުކުމް ތަންފީޒު ކުރުމަށް އެމީހާ އަރުވާ ނުލެވޭނަމަ އެ ހުކުމް ކުރުމުގެ ބޭނުމެއް ނެތެވެ.
ގާނޫނީ ވަކީލު ޝަހީމް އަހުމަދު ވިދާޅުވި ގޮތުގައި ގާނޫނީ ގޮތުން ބަލާއިރު ޝަރީއަތްތަކާ ބެހޭ ގޮތުން އުފައްދާފައިވާ އެންމެ މަތީ މުއައްސަސާގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން މިކަމުގައި ރޫލިންއެއް ނެރެންޖެހެއެވެ.
"އަރުވާލަން ހުކުމް ކުރުމުން އެމީހަކު އަރުވާނުލެވޭނަމަ ކޮބައިތޯ އެހުކުމް ކުރުމުގެ ބޭނުމަކީ؟ އަޅުގަނޑު ދެކޭގޮތުގައި ސުޕްރީމް ކޯޓުން އެބަޖެހޭ މިކަމުގައި ރޫލިންއެއް ނެރެން،" ޝަހީމް ވިދާޅުވި އެވެ.
ވަކީލު އަލީ ހުސެއިން ވިދާޅުވާގޮތުގައި އަރުވާލަން ކުރާ ހުކުމްތައް އެހެން ގޮތަކަށް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މީހަކު އަރުވާލަން ކޯޓަކުން ހުކުމް ކުރުމުން މީހަކު އަރުވާލާނެ ރަށެއް ނެތުމުން އެ ހުކުމް ޑީޕީއާރްއެސް އަށް ތަންފީޒު ނުކުރެވޭނަމަ ދެން އެކަމުގައި ހައްލެއް ހޯދެން އޮތީ ރައްޔިތުންގެ މަޖިލީހުންނެވެ. އަރުވާލުމުގެ އުގޫބާތަކީ މިޒަމާނާ ގުޅޭ ކަމަކަށް ނުވާތީ އަރުވާލުމުގެ އުގޫބާތް ގާނޫނުތަކުން އުނިކުރުމަކީ މަޖިލީހުން ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިޒަމާނަށް ބަލާއިރު އަރުވާލުމަކީ ވަރަށް އާދައިގެ ކަމެއް. އެއީ މިޒަމާނާ ގުޅޭކަމެއް ވެސް ނޫން. ރައްޔިތުންގެ މަޖިލީހުން އެބަޖެހޭ އަރުވާލުމުގެ ބައި ގާނޫނުތަކުން އުނިކުރަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދައިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވާ ގޮތުގައި އަރުވާލުމަކީ މިޒަމާނާއި ގުޅުމެއްނެތް ކަމަކަށް ވިޔަސް ކަމާބެހޭ ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރެވެންދެން އެ ހުކުމް ތަންފީޒު ކުރެވެން ޖެހޭނެ އެވެ. ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށްވާތީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމަށް ކައުންސިލްތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެ އެވެ.
"އަރުވާލުމަކީ މިޒަމާނާ ގުޅޭ އަދަބެއް ނޫން. ގާނޫނުތަކުން އެބަޖެހޭ އެކަން އުނިކުރަން. އެހެންނަމަވެސް ގާނޫނުން އެބައި އުނިކުރެވެންދެން ވެސް އަރުވާލުމުގެ ހުކުމް ތަންފީޒު ކުރެވެންޖެހޭނެ. ކައުންސިލްތަކަކީ ވަކި ސަރުކާރެއް ނޫން. ކައުންސިލްތަކުން ވެސް ޖެހޭނެ އެކަމުގައި އެއްބާރުލުންދޭން. މިކަމުގައި މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. މަޖިލީހުން ވަރަށް އަވަހަށް އެބަޖެހޭ ގާނޫނުތަކަށް ބަދަލު ގެންނަން،" ނިހާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިގޮތުގައި މުޅި މަޖިލީހުގެ ރޫހަކީ އަލަށް ފާސްކުރާ ގާނޫނުތަކުން އަރުވާލުމުގެ އަދަބު ނުހިމެނުމެވެ.
މިހާތަނަށް ފާސްކުރެވިފައިވާ ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރަން ޖެހޭނީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށްވާއިރު އިލްޔާސް ވިދާޅުވެފައި ވަނީ މިހާތަނަށް އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ހިމެނޭ ކޮމެޓީތަކުން ބިލްތައް ދިރާސާ ކުރާއިރު ކަމާބެހޭ ފަރާތްތަށް ކޮމެޓީއަށް ހާޒިރުކޮށްގެން ބިލްތަކުގެ މަސައްކަތް ކުރަނީ. އަޅުގަނޑުމެން މިހާރަކު ނުހިމަނަން އަރުވާލުމުގެ ބައެެއް. މުޅި މަޖިލީހުގެ ރޫހަކީވެސް އަރުވާލުމުގެ ބައި ގާނޫނުުގައި ނުހިމެނުން. ކުރިން ފާސްކުރެވިފައިވާ ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރުމަށް މިހާތަނަށް މަޖިލީހަށް އެއްވެސް އިސްލާހެއް ހުށަހެޅިފައެއް ނުވޭ،" އިލްޔާސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވާ ގޮތުގައި އަރުވާލުމުގެ އުގޫބާތް ދޭންވީ ކޮންކަހަލަ ކުށްތަކަކަށް ކަމާއި އަދި އަރުވާނުލާ ޖަލަށް ލުމުގެ އުގޫބާތް ދޭންވީ ކޮންކަހަލަ ކުށްތަކަކަށް ކަން ކަނޑައަޅަން ޖެހެ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރަން އިސްލާހު ހުށަހެޅުމުގެ ކުރިން މަޖިލީހާއި ސިޔާސީ ޕާޓީތަކާއި ޝަރުއީ ކޯޓުތަކާއި ސަރުކާރާއި މަޝްވަރާކޮށް އެކަން އެކަމުގައި ގޮތްތަކެއް ނިންމަންޖެހެ އެވެ. އަދި އެފަދަ މަޝްވަރާތަކެއް ކުރުމަށް އިސް ނަގަންޖެހޭނީ ސަރުކާރެވެ.
"މިހަރު އަމަލުކުރަމުންދާ ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރަން އިސްލާހު ހުށަހެޅުމުގެ ކުރިން އެބަޖެހޭ. ކަމާ ގުޅޭ މުއައްސަސާތަކުން ބައްދަލުކޮށް މަޝްވަރާކުރަން. އަރުވާލަން ޖެހެނީ ކޮންކަހަލަ ކުށްކުށުގައިތޯ އާއި އަރުވާލަން ނުޖެހެނީ ކޮންކަހަލަ ކުށްކުށުގައިތޯ އެބަޖެހޭބަލަން. މިފަދަ މަޝްވަރާތަކެއް ބޭއްވުމުގައި ސަރުކާރުން އިސް ނަގައިގެން ކުރަންޖެހޭނީ،" ރިޔާޒު ވިދާޅުވި އެވެ.
މިހާރުވެސް މައިގަނޑު ގޮތެއްގައި އަރުވާލުމުގެ އުގޫބާތް ހިމެނިފައި ވަނީ ގާނޫނުލް އުގޫބާތުގަ އެވެ. ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިގޮތުގައި އެހެންކަމުން މިކަމަށް އޮތް ހައްލަކީ އަރުވާލުމުގެ ބައި އުނިކޮށް ގާނޫނުލް އުގޫބާތް ވީހާވެސް އަވަހަކަށް ފާސްކުރުމެވެ.
"މިހާރުވެސް މައިގަނޑު ގޮތެއްގައި އަރުވާލަން މިޖެހެނީ ގާނޫނުލް އުގޫބާތުގައިވާ އަދަބުތަކަށް. މިކަމުގެ ސީދާ ހައްލަކީ އަރުވާލުމުގެ ބައި އުނިކޮށް ގާނޫނުލް އުގޫބާތު ފާސްކުރުން. އެކަން ކުރިނަމަ މި ސުވާލު އުފައްދަން ނުޖެހޭނެ،" ޖަމީލް ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި ވައްކަމާއި ފޭރުމާއި ޓެކުމާއި ޚިޔާނާތްތެރިވުމާއި މަކަރާހީލަތް ހެދުންފަދަ ކުށްތަކަށް އޮންނަ އަދަބަކީ އަރުވާލުން ނުވަތަ ޖަލަށް ލުމެވެ. ކޯޓުތަކުން މިއަހަރުގެ ތެރޭގައި ވެސް އެފަދަ މައްސަލަތަކުގައި އަރުވާލަން ހުކުމްކޮށްފައި އެބަހުއްޓެވެ.
މުޖުތަމައުގައި ވައްކަންކުން އިންތިހާއަށް އިތުރުވެފައިވާއިރު އެފަދަ މީހުންނަށް އަރުވާލުމުގެ ހުކުމް ކުރުމަކީ އެއީ އެމީހުންނަށް ކުށުގެ އުގޫބާތްދެވުނީ ކަމަށް ބެލެވޭކަށް ނެތެވެ. އެފަދަ މީހުން ދެވަނަ ފަހަރަށް ކުށްކުރުމަށް ދެވޭ ހިތްވަރެއްކަމަށް ވެސް ބެލުމުގެ ޖާގައެބައޮތެވެ. އެހެންކަމު މަޖިލީހުގެ މެންބަރުން އިސްނަގައިގެން ގާނޫނުތަކުން އަރުވާލުމުގެ ބައި އުނިކުރުމަކީ މުޖުތަމައުގެ ސަލާމަތަށްޓަކައި ވެސް ކުރަންޖެހޭ ކަމެކެވެ.