09 Aug 2012, 04:22
ނެހުރޫ ކަޕަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމަނާފައިވީ ނަމަވެސް މުހުތާރު ނަސީރު (ޓޫކިލޯ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެ އަށް ކާމިޔާބުކޮށްދިނުމަށް ފައިނަލްގައި އިންޑިޔާކޮޅަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ދެ ސަބަބަކާ ހުރެ އެވެ. އެއް ސަބަބަކީ ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން ގައުމީ ޓީމަށް ގިނަ ވަގުތު ހުސްކުރެވެން ނެތުމެވެ. ހާއްސަކޮށް ޓީމާއެކު ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ހޭދަކުރެވެން ނެތުމުންނެވެ. އަނެއް ސަބަބަކީ އޭނާ އަކީ މިހާރު އޭޖްވަމުން އަންނަ ކުޅުންތެރިއަކަށްވުމުން ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ބޭނުންވުމެވެ.
“ދެން މިހާރު ކުޅެވިއްޖެ. އެހެންވީމަ މިހާރު ކަންތައްތައް ހުރި ގޮތުން ދެން އަމިއްލަ ދިރިއުޅުމަށް ވަގުތުދެވެން އޮތީ،” ޓޫކިލޯ ބުންޏެވެ.
ޓޫކިލޯ ވަނީ ގައުމީ ޓީމަށް ހުއްޓާލަން ބޭނުންވާ ސަބަބުތައް ބަޔާންކޮށް އެފްއޭއެމަށް މިދިޔަ ހޯމަ ދުވަހު ސިޓީއެއްވެސް ފޮނުވައިފަ އެވެ. އެ ސިޓީ ނިންމާލަމުން އޭނާ ބުނެގައިފަނީ ގައުމީ ޓީމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކަށް އޭނާވުމުން އެއްވެސް ޝަރުތެއްނެތި އޭނާގެ ރިޓަޔާމަންޓް ގަބޫލުކޮށްދިނުމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެފްއޭއެމުން އަދި އެއްވެސް އެއްޗެއްނުބުނެ އެވެ.
2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓޫކިލޯ އަކީ ރަސްދޫ ޓީމުން ފާހަގަ ވުމަށް ފަހު ވެލެންސިއާއިން ވިދާލި ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ވަނީ އައިއެފްސީ އާއި ވިކްޓަރީ އަށް ކުޅެ މި އަހަރު އީގަލްސް އަށް ކުޅެފަ އެވެ.
ފަހަކަށް އައިސް ސީނިއާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގަ އެވެ. އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ކުޅުނު ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި މުހައްމަދު ޖަމީލް އަދި ސޮބާހް މުހައްމަދާއި ހަސަން ރަމީޒް (ޓިމޯ) އަދި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.