ދިވެހި ސަރުކާރަށް ދީފައިވާ ގާނޫނީ އެހީތެރިކަމަކީ ގާނޫނީ އިމުގެ ތެރެއިން ހިންގަވާފައިވާ މުއާމަލާތެއް ކަމަށާއި އެ މުއާމަލާތްތައް ހާމަ ނުކުރެވޭނެ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ކުރީގެ ބަންޑާރަ ނައިބު ބަރޮނެސް ސްކޮޓްލޭންޑް އޭނާއަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފި އެވެ.

ބަޣާވާތަކުން އުފެދިފައިވާ ސަރުކާރަކަށް އެހީތެރިވި ކަމަށް ބުނެ، އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ބަރޮނަސް ސްކޮޓްލޭންޑަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް އެކަމަނާ ރައްދު ދެއްވާފައި މިވަނީ އިނގިރޭސި ޕާލަމެންޓްގައި ވެސް އެކަމަނާ އަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވުންނެވެ. އެގޮތުން "ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުވެފައިވާ ސަރުކާރެއް ވައްްޓާލުމުގެ ޒިންމާ އެޅިފައިވާ ވެރިކަމަކަށް ކުރީގެ އިނގިރޭސި އެޓާނީ ޖެނެރަލައަކު އެހީތެރި ވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް" ވިދާޅުވެ، އިނގިރޭސި ޕާލަމެންޓް މެމްބަރު ޖޯން ގްލެން ވަނީ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ޖޯން ގްލެންއާއި އެނޫން ވެސް ފަރާތްތަކުގެ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ބަރޮނެސް ސްކޮޓްލޭންޑް ވިދާޅުވެފައި ވަނީ އެކަމަނާއަކީ ގާނޫނު އަސާސީއާ ބެހޭ، ގާނޫނުތަކުގެ ދާއިރާ އިން ހާއްސަ އިލްމު ލިބިގެން ހުރި ސީނިއާ ވަކީލެއް ކަމަށާއި ޖިނާއި ގާނޫނުތަކާއި މަދަނީ ގާނޫނުތައް އިސްލާހު ކުރުމުގެ ދާއިރާގެ މާހިރެއް ކަަމަށާއި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހުނަރު ވެސް އެކަމަނާގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ގާނޫނީ ލަފާ ދިނުމަށް އެކަމަނާގެ ކިބައިން އެދިވަޑައިގަތީ ރާއްޖޭގެ އެޓާނީ ޖެނެރަލް ކަމަށާއި ދެ ފަރާތުގެ ދެމެދުގައި އަނގަ ބަހުންނާއި ލިއުމުން ހިންގާފައިވާ މުއާމަލާތްތަކަކީ ސިއްރު، އަދި ގާނޫނީ ހައިސިއްޔަތު ލިބފައިވާ މުއާމަލާތްތަކެއް ކަމަށެވެ.

އަދި ގާނޫނީ އެހީތެރި ކަމަށް އެދި ހުށައަޅާފައި ވަނީ ހަމައެކަނި ދިވެހި ސަރުކާރުން ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެސް ހުށައަޅާފައިވާ ކަމަށް ބަރޮނެސް ސްކޮޓްލޭންޑް ވިދާޅުވި ކަމަށް ދަ ޑޮމިނިކަން ނެޓް ނަމަކަށް ކިޔާ ނޫހަކުން ބުންޏެވެ.

"ދިވެހިސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އަޅުގަނޑަށް ހުށައެޅި، ހުރިހާ ޕާޓީތަކަށް ދައުވަތު ދެވިފައިވާ ވަށް މޭޒު ޖަލްސާއެއްގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ސަރުކާރުން ހުށައެޅި ހުށައެޅުމެއް އަޅުގަނޑު ވާނީ ގަބޫލުކޮށްފައި. އަޅުގަނޑު ދިވެހި ސަރުރާކަށް ދީފައިވާ އިރުޝާދު އޮންނާނީ ގާނޫނީ ހައިސިއްޔަތު އޮތް ކަމެއްގެ ގޮތުގައި،" ބަރޮނެސް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.