21 Aug 2025, 12:51
ސިޑްނީ (21 އޮގަސްޓް 2025): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ފާޅުގައި ހިތްވަރުދޭ އިސްރާއީލުގެ ދެ ވަޒީރަކާއި އިސްރާއީލުގެ ޕާލަމެންޓް މެންބަރަކު އޮސްޓްރޭލިއާއަށް ވަނުން މަނާކުރުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒަށް ގަނާކޮށް އޭނާއާ ދިމާކޮށްލައިފިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ގަނާ ކުރަމުން ނަތަންޔާހޫ ބުނީ އަލްބަނޭޒްއަކީ އޮސްޓްރޭލިޔާގައި ދިރިއުޅޭ ޔަހޫދީން ނިކަމެތިކޮށް ހަމާސް ޖަމާއަތުގެ "ޓެރަރިޒަމް"އަށް ހިތްވަރު ލިބޭގޮތަށް ކަންކަން ކުރައްވާ އަދި އިސްރާއީލަށް ބޭވަފާތެރި ބޭފުޅެއް ކަމުގައެވެ. އަދި އަލްބަނޭޒްއަކީ އޮސްޓްރޭލިއާގައި ސިޔާސީ ގޮތުން ބަލިކަށި ރައްޔިތުންގެ ތާއީދު ނެތް ބޭފުޅެއްކަމަށްވެސް އޭނާއަށް ގަނާ ކުރަމުން ނަތަންޔާހޫ ބުނެފައިވެއެވެ.
މީގެއިތުރުން ނަތަންޔާހޫގެ ސަރުކާރުންވަނީ އޮސްޓްރޭލިއާއިން ފަލަސްތީނަށް ކަނޑައަޅާފައިވާ ޑިޕްލޮމޭޓުންގެ ވިސާ ކެންސަލްކޮށް އެމީހުން ފަލަސްތީނުން ބޭރުކޮށްލުމަށްވެސް ނިންމާފައެވެ.
މި ޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއަށް ގަނާކޮށް އޭނާއާ ދިކޮށްލުމުން އޮސްޓްރޭލިއާގެ ދާޚިލީ ވަޒީރުވަނީ ޑިޕްލޮމެޓިކް ގޮތުން ވަރަށް ވޭންދެނިވި ރައްދެއް އިސްރާއީލަށް ދެއްވާފައެވެ.
އިސްރާއީލަށް އަމާޒުކޮށް އޮސްޓްރޭލިއާގެ ދާޚިލީ ވަޒީރު އެންޓޮނީ ސްޓެފެން ބާކް ވިދާޅުވީ ގައުމެއްގެ އަސްކަރީ ބާރުވެރިކަމަކީ ހަތިޔާރު ނެތް ބައެއްގެ ބޮލަށް ބޮންއަޅައި އެމީހުން މެރުން ނޫންކަމަށާ އަދި ކުޑަކުދިން ކާބޯތަކެތިން މަހުރޫމްކޮށް އެމީހުން ބަނޑަށް ޖެއްސުމަކީވެސް ބާރުވެރިކަން ހުރިވަރު އަންގައިދޭ ކަމެއްނޫންކަމުގައެވެ.
"ގައުމެއްގެ އަސްކަރީ ބާރުވެރިކަމަކީ އާންމުން މެރުމެއްނޫން، އަދި ކުޑަކުދިން ބަނޑަށް ޖެއްސުމެއްވެސް ނޫން" އޮސްޓްރޭލިއާގެ ދާޚިލީ ވަޒީރު އެންޓޮނީ ސްޓެފެން ބާކް ވިދާޅުވިއެވެ.
މިއީ އިސްރާއީލު ސިފައިން އެމީހުންގެ ބާރުވެރިކަން ދައްކަން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރު ފުނޑާލައި ޣައްޒާގެ އާންމުން ކާބޯތަކެތިން މަހުރޫމްކޮށް އެ މީހުން ހައިހޫނުކަމުގައި މެރުމަށް އިސްރާއީލު ހިންގާ ޖަރީމާތަކަށް ސްޓެފެން ބާކް ކުރެއްވި އިޝާރާތެއްކަމަށް ވަނީ ބެލެވިފައެވެ.
ބާކްގެ މި ވާހަކަތަކަށް އިސްރާއީލުގެ ސަރުކާރަށް ތާއީދުކުރާ ޔަހޫދީ ނޫސްތަކުންވަނީ ރައްދު ދީ ބާކްއަކީ "އެންޓި ސެމިޓިޒަމް" ޕްރޮމޯޓް ކުރާ ބޭފުޅެއްކަމަށް ސިފަކޮށްފައެވެ.
ޑިމޮކްރަސީގެ ފަރުދާގެ ފަހަތުގައި ތިބެގެން އެމެރިކާއި ޔޫރަޕްގެ ގައުމުތައް އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރަމުން ގެންދާއިރު އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ދިފާއު ކުރަނީ "އެންޓި ސެމިޓިޒަމް" (ޔަހޫދީންނާ ޖައްސާލުން) މި ޝިއާރު ޕްރޮޕަގެންޑާއެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ.
އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާނަމަ އެއީ "އެންޓި ސެމިޓިޒަމް" ނުވަތަ ޔަހޫދީންނާ ޖައްސާލުމުގެ އަމަލު ހިންގާ ފަރާތެއްކަމަށް ބުނެ ބިރުދައްކައި ބްލެކްމެއިލް ކުުރުމުގެ ކަންތައް އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ މަހުޖަނުން ކޮންޓްރޯލް ކުރާ ހުޅަނގުގެ މީޑީއާ ތަކުން ކުރެއެވެ. އަދި މިގޮތަށް އިސްރާއީލަށް ފަޑުކިޔާ އަޑުތައް ކަނޑުވާލައެވެ.
ނަމަވެސް މިހާރު "އެންޓި ސެމިޓިޒަމް"ގެ ޝިއާރު އިސްރާއީލުގެ ދިފާއުގައި ކުރިއާ އެއްވަރަށް މަސައްކަތެއް ނުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ޣާއްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް މުޅި ދުނިޔެއަށް އެނގި ޔަހޫދީ އިސްރާއީލު މުޅި ދުނިޔެއަށް ބޭޒާރުވުމުން "އެންޓި ސެމިޓިޒަމް"ގެ ޝިއާރަކީ އިސްރާއީލު ހިންގާ ޔަހޫދީ ޓެރަރިޒަމް އާއި ޖެނޮސައިޑް ދިފާއު ކުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްކަމަށް ހުޅަނގުގެ ބައެއް މަޝްހޫރު އަދި ނުފޫޒުގަދަ މީހުންވެސްވަނީ ބިރުކަނޑާލާފައި ބުނަން ފަށާފައެވެ.
ދާދިފަހުން ފަރަންސޭސި ރައީސް މެކްރޯންވެސްވަނީ "އެންޓި ސެމިޓިޒަމް" ގެނަމުގައި އިސްރާއީލުން ފަރަންސޭސިވިލާތަށް ދޭނެ ފިލާވަޅެއް ނޯންނާނެކަމަށް ވިދާޅުވެ އިސްރާއީލަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފައެވެ.