އިންޑިއާގެ ރާޖަސްތާނުގެ ރަންތަމްބޯ ނެޝަނަލް ޕާކުގައި އުޅޭ ޖަނަވާރުތައް ބަލާލުމަށް ސަފާރީ ދަތުރުކުރި ފަތުރުވެރިންގެ ގްރޫޕެއް މިނިކާވަގުން ގިނަ ސަރަހައްދަކަށް ދޫކޮށްލުމަށް ފަހު އެ ދަތުރާ ހަވާލުވި ޓުއާ ގައިޑު ފިލައިފިއެވެ.

ރާޖަސްތާނުގެ ރަންތަމްބޯ ނެޝަނަލް ޕާކުގެ ހަވަނަ ޒޯންއަށް ދޫކޮށްލި މި ފަތުރުވެރިންގެ ގްރޫޕްގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ވެސް ހިމެނޭ ކަމަށް އިކޮނޮމިކް ޓައިމްސްގައި ވަނީ ބުނެފައެވެ.

އެ ޒޯނަކީ މިނިކާވަގުން ގިނަ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި 20 ފަތުރުވެރިއަކު އެ މީހުންގެ ސަފާރީ ދަތުރު ފެށިތަނާ މާގިނަ އިރުތަކެއްނުވެ، ދަތުރުކުރަމުންދިޔަ އުޅަނދަށް ދިމާވި މައްސަލައަކާ ގުޅިގެން އެ މީހުން ރަންތަމްބޯ ނެޝަނަލް ޕާކުގެ ޖަންގަލީގައި ތާށިވީ ކަމަށް އިކޮނޮމިކް ޓައިމްސްގައި ބުނެފައިވެއެވެ.

އެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ހޯދުމަށް ބުނެ ދިޔަ ޓުއަ ގައިޑްގެ ޚަބަރެއް އިރުއޮއްސި އަނދިރިވީއިރު ވެސް ނުވާ ކަމަށާއި އެ މީހުން އެ ތަނުގައި ވަގުތުތަކެއް ހޭދަކުރީ ފޯނު އަލި ބޭނުންކޮށްގެން ކަމަށް މީޑިއާގައި ވަނީ ބުނެފައެވެ.

ފިލްމު "ކާލް"ގެ މަންޒަރެއްގައި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ކުޑަކުދިންނާ އެކު އަންހެނުންތަކެއް ވެސް ހިމެނޭ އެ ގްރޫޕްގެ ފަތުރުވެރިންނަށް އަލުން އާ އުޅަނދެއް ލިބުނީ އެ ސަރަހައްދުގައި އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށް ފަހު އެރޭ ގާތްގަނޑަކަށް 7:30ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އެންޑީޓީވީގައިވާ ރިޕޯޓެއްގައި ބުނާގޮތުން މި ފަތުރުވެރިންތައް ވަނީ އެ މީހުން ޖަންގަލީގައި ހޭދަކުރި ވަގުތުތައް ހިމެނޭ ވީޑިއޯތަކެއް ވެސް ފަހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޑެޕިއުޓީ ކޮންސަވޭޓާ އޮފް ފޮރެސްޓްސް ޕްރަމޯދު ދާކަދު ބުނެފައިވަނީ ފަތުރުވެރިންތައް ދޫކޮށް ގޮސްފައިވަނީ އެ ޕާކުގައި މަސައްކަތްކުރާ ތިން ޑްރައިވަރުން ކަމަށެވެ. އެ ޑްރައިވަރުންނާ މެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާއިރު މައްސަލައިގެ ތަހުގީގު ނިމެންދެން އެ މީހުން ޕާކަށް ވަނުން މަނާކޮށްފައިވާ ކަމަށް ޕްރަމޯދު ވަނީ ބުނެފައެވެ.

މި ޚަބަރު މީޑިއާގައި ފެތުރެން ފެށުމާ އެކު މިއީ 2005 ވަނަ އަހަރު އެކްޓަރު އަޖޭ ދޭވްގަން މުހިއްމު ރޯލް ކުޅުނު ފިލްމު "ކާލް"ގައި ގެނެސްދިން ވާހަކައާ ވަރަށް ބޮޑަށް ގުޅުންހުރި ހާދިސާއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ ފިލްމުގައި އަޖޭ ކުޅެފައި ވަނީ އިންޑިއާގެ އުއްތަރުހާންދުގެ ޖިމް ކޯބެޓް ނެޝަނަލް ޕާކްގެ ފާރަވެރިޔާގެ ރޯލެވެ.