ރ. މީދޫގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއްގައި ޖެހި ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަރަށްބޮޑަށް ޒަޚަމްވެއްޖެ އެވެ.

މީދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް މިރޭ ވިދާޅުވީ އެ އެކްސިޑްންޓްގެ ސަބަބުން ސީރިއަސް އަނިޔާއެއް ލިބިފައި ވަނީ އުމުރުން ހަތް އަހަރުގެ އެ ރަށު މާހިލް އިބްރާހިމަށް ކަމަށާއި އޭނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ އަށް އިތުރު ފަރުވާދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އަދި ނަސީމް ވިދާޅުވީ އެ އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ ލައިސެންސް ނެތް އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ އަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ކުޑަކުއްޖާގެ ހާލުވަރަށް ސީރިއަސް. އެކްސިޑެންޓްގެ ސަބަބުން އޭނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ވަނީ ލިބިފައި. ލަފާކުރެވެނީ ސައިކަލްގައި ޖެހި އޭނާ މަގުމަތީގައި ވަރަށް ބޮޑަށް ގޭނިފައިވާ ކަމަށް،" ނަސީމް ވިދާލުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެޓް ހިނގާފައި ވަނީ މާހިލް މިސްކިތުން ފައިބައިގެން މަގު ހުރަސްކުރަން އުޅުމުގެ ތެރެއިން ބާރަށް ދުއްވާފައިއައި އެ ސައިކަލްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްގެ އިތުރު ތަފްސީލެއް ވިދާޅެއްނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.