ރ. ހުޅުދުއްފާރު ފަޅު ގެއެއްގައި އަލިފާން ރޯވެ އެއްކޮށް އަނދައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ވަސީމް ވިދާޅުވީ އަލިފާން ރޯވެފައިވަނީ މިރޭ 9:00 ޖަހާ އެހާކަންހާއިރު ކަމަށާއި ރޯވީ އެ ރަށު ކަސްމީރުގޭގައި ކަމަށެވެ.

"އެ ގެއަކީ މީހުން ނޫޅޭ ފަޅުގެއެއް. އެގޭގައި ތިން ކޮޓަރިއާ ސިޓިންރޫމެއް ހުރޭނަމަވެސް ހިފާ ގެންގުޅޭ އެއްވެސް އެއްޗެއް ނުހުރޭ. އެގޭގައި އަލިފާން ރޯވެފައިވަނީ ކީއްވެ ނޭންގޭ،" ވަސީމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަލިފާން ރޯވުމާއެކު ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ މިރޭ 10:00 ޖަހާކަންހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުދުއްފާރު ފަޅު ގެއެއްގައި އަލިފާން ރޯވި ހާދިސާ ރިޕޯޓް ކުރި ކަމަށާއި އެ ހާދިސާ ބަލަމުން އަންނަ ކަމަށެވެ. ހުޅުދުއްފާރު ގެއެއްގައި އަލިފާން ރޯވިއިރު މިރޭ ނ. ހޮޅުދޫގައި ވެސް ގެއެއްގައި ރޯވެ ބޮޑު ބައެއް ވަނީ އަނދާފަ އެވެ.