އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމަށް ނުފެންނާތީވެ، އެފްއޭއެމް އިންތިހާބު ޔުނައިޓެޑް ވިކްޓަރީން ބޮއިކޮޓްކޮށްފި އެވެ.

އެ ކުލަބުން މިއަދު ނެރުނު ބަޔާނުގައިވަނީ އެފްއޭއެމް އިންތިހާބު ރޭވުމާއި ވޯޓުލުމުގެ ޕްރޮކްސީ ވޯޓްލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ދިނުމާއި އިންތިހާބުގެ އިޖުރާއަތްތަކާއި އިންތިޒާމްތަކުގައި އަދުލު އިންސާފުގެ ހަމަތަކުން އެއްކިބާވެ، އިންސާފުވެރި މިނިވަން އިންތިހާބެއް ނުބޭއްވޭނެކަމުގައި އެކުލަބުގެ ހިންގާކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް ފެނުނު ކަމަށެވެ.

މިހެންވެ އަންނަ ހޮނިހިރު ބާއްވާ އިންތިހާބުގައި އެކުލަބުން ވޯޓުނުލާން ނިންމާފައިވާ ކަމަށެވެ. މިކަމަށް އެއްބަސްވެ ކުލަބުގެ ރައީސް އިސްމާއީލް ރަޝީދާއެކު އަށް މެމްބަރަކު ސޮއިކޮށް ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.

އެފްއޭއެމް އިންތިހާބު މިދިޔަ މަހުގެ 18 ވަނަ ދުވަހު ބާއްވަން އުޅުނު ނަމަވެސް ފަސްކުރަން ޖެހުނީ ވެސް ޔުނައިޓެޑް ވިކްޓަރީގެ މައްސަލާގަ އެވެ. އެކުލަބުން ބުނަނީ ވޯޓުލުމަށް އެކުލަބުން ރަޖިސްޓަރީ ކޮށްފައިވަނީ ކުލަބަށް އެނގޭ މީހަކު ނޫން ކަމަށާއި އެއީ ކުލަބުގެ ކުރީގެ ހިންގާކޮމިޓީގެ މީހަކު ކުލަބުގެ ބޯޑަށް ނޭނގިކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެފްއޭއެމުން ބުނަނީ އެއީ އެއިދާރާއިން ބަލަން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެފްއޭއެމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް ނޫނީ ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން އިންތިހާބުގައި ވޯޓު ނުލެވޭނެ ކަމަށެވެ.

މި މައްސަލާގައި ޔުނިައޓެޑް ވިކްޓަރީން ކޯޓަށް ދިއުމުން މައްސަލަ ނިންމީ އެކުލަބުން ވޯޓުލާން ޖެހޭނީ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (އައްމަޓީ) ކަމަށެވެ. ނަމަވެސް ކޯޓަށް ދިޔަ މައްސަލާގައި ފީފާއިން ބުނަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ކޯޓަށް ނުދެވޭނެ ކަމަށާއި ޔުނައިޓެޑް ވިކްޓަރީއާ މެދު އެފްއޭއެމުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެފްއޭއެމް އިންތިހާބުގައި ރައީސްކަމަށް ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމް އާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އޭނާ އަށް ތާއިދުކުރައްވަން ނިންމަވާފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދޫ (ޖޭފޯ) އެވެ.