28 Aug 2010, 11:38
16:45
ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސްގައި ކުރި މުޒާހަރާތަކާ ގުޅިގެން ރިސޯޓު ދޫކޮށް ޓޫރިސްޓުން ފައިބައިގެން ދިއުމުން ރިސޯޓުގެ އޮޕަރޭޝަން ހަތަރު ވަރަކަށް ދުވަހު ހުއްޓިފައި އޮތުމަށް ފަހު ކުރިކޭ ވެސް އެއް ގޮތް އޮޕަރޭޓްކުރަން އިއްޔެ ފަށާއިފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
އެ ރިސޯޓްގެ އޮޕަރޭޝަން މެނޭޖަރު އަބްދުއްސަމަދު މިއަދު ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ތިން ދުވަހު ރިސޯޓުގެ ދިވެހި މުވައްޒަފުން ކުރި މުޒާހަރާއާ ގުޅިގެން ރިސޯޓް އޮޕަރޭޓްކުރުން ހުއްޓާލާފައި އޮތުމަށް ފަހު އިއްޔެ އަލުން ހުޅުވުމުން ޓޫރިސްޓުން އައިސް ރިސޯޓުގެ 64 ޕަސެންޓް މިއަދު ފުރިފައިވާ ކަމަށެވެ.
"މިއަދު ވެސް މިރޭ ވެސް ގެސްޓުން އެބައާދޭ، މީގެ ތެރޭގައި މުޒާހަތާތައް ފެށުނު އިރު ތިބެފައި އަމިއްލަ އަށް އެހެން ރިސޯޓްތަކަށް ދިޔަ ޓޫރިސްޓުން ވެސް ހިމެނޭ،" ސަމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓު އިއްޔެ އަލުން އޮޕަރޭޝަނަށް ގެނައިރު، މުޒާހަރާގައި ބައެއް ތަންތަނަށް ލިބުނު ކުދި ކުދި ގެއްލުންތައް މަރާމާތުކޮށްފައިވާ ކަމަށާއި މިވަގުތު ރިސޯޓުގައި މުޒަހާރާއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އަލުން ހުޅުވުނު އިރު ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ 19 މީހުން ފިޔަވައި އެންމެން ރިސޯޓުގައި އެބަތިބި. އެ އެންމެން ސުލްހަވަރިކަމާ އެކު މަސައްކަތްކުރަމުންއެބޭ،" ސަމަދު ވިދާޅުވި އެވެ. ފުލުހުން ކުރުނބާ އިން ހައްޔަރުކުރި 19 މީހުން ކޯޓުން މިނިވަންކޮށްފައި ވިޔަސް އެމީހުން ދޫކޮށްލާފައި ވަނީ އެމީހުން އެނބުރި ރިސޯޓަށް ގޮސް ހަމަނުޖެހުން އުފައްދައިފާނެތީ ފަސް ދުވަސް ވަންދެން މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.