20 Aug 2025, 13:45
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެއަށްފަހު މިމަހުގެ ހަތަރުވަނަ ދުވަހު ވެސް އެ މަގާމަށް ކުރިމަތިލުމަށް އިއުލާނު ކުރިއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީ އިއްޔެގެ 12:00އަށެވެ.
އެއާއެކު މިއަދު ރައީސް އޮފީހުން އަލުން ވަނީ އެ މަގާމަށް ހުޅުވައިލައިފައެވެ. މިއަދު ކުރި އިއުލާނުގައި ވަނީ، އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމު ރައީސް އޮފީހުން ބަލައިގަންނާނީ އަންނަ މަހުގެ ހަތެއްވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން 12:00އަށް ކަމަށެވެ.
އެ އޮފީހުން ބުނީ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަތަކެއް ބެލުމަށް ފަހު ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި ބާކީ ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ގައެވެ. އެއީ އެ ތަނުގެ މެންބަރުން ކޮރަޕްޝަނުގެ އަމަލު ހިންގާ ކަމަށް ތުހުމަތުކޮށް އޭނާ މަޖިލީހަށް ސިޓީއެއް ފޮނުވުމުންނެވެ.
އެ ތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުން އޭރު ލަފާދިނީ ސާޖިދު ފިޔަވައި އެހެން މެންބަރުން ވަކިކުރުމަށެވެ.
ވަކިކުރި ހަތަރު މެންބަރުންގެ ބަދަލުގައި އެ ތަނަށް އައްޔަންކުރީ:
ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
- އިބްރާހީމް ޝަރީފް، ގ. އަލިޝާ
- ޝިފްޒާ ޢަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
- ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.