ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުން އަންނަ މަޝްހޫރު، ނަދާ ސެލޫން އެންޑް އެސްތެޓިކްސް ސްޓޫޑިއޯގެ އަންހެން މުވައްޒަފަކު ވިހެއުމާ ގުޅިގެން ނެގި ޗުއްޓީއާއެކު އުފެދުނު ހުސޫމާތުތަކެއްގެ މައްސަލަ އެ ސެލޫނުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިއީ، 2018 ވަނަ އަހަރުން ފެށިގެން އެ ސެލޫންގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފަކު، ވިހެއުމާ ގުޅިގެން ނެގި ޗުއްޓީއަކާއެކު އުފެދުނު މައްސަލަތަކެކެވެ.

މި އަހަރުގެ މެއި މަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލަ މިހާރު ހައިކޯޓަށް ހުށަހަޅާފައި އޮތްނަމަވެސް ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން އެ ކޯޓުން އަދި ގޮތެއް ނިންމިކަން އެ ކޯޓުގެ ރަޖިސްޓްރީން އެނގޭކަށް ނެތެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ސެލޫންގައި މަސައްކަތް ކުރި އަންހެން މުވައްޒަފު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު، އެ މުވައްޒަފު އަހަރީ ޗުއްޓީއެއް ނެގުމަށް ފަހު، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ތިން މަސް ދުވަސް ނެގުމުން، އެ ތިން މަސް ދުވަހަށް މުސާރަ ދީފައި ނުވާކަމަށެވެ. އެހެންކަމުން، އެ މުއްދަތަށް މުސާރަ ދީފައިނުވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއެކު، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައިދީ، އެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމުގެ އިތުރުން ވަޒީފާ އަލުން ރުޖޫއަކޮށްދިނުމަށް މައްސަލަ ހުށަހެޅި މުވައްޒަފު އެދިފައިވެއެވެ.

މީގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޚަރަދުވީ 35،000 ރުފިޔާ ނަގައިދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލައިގެ އަޑު އެހުމަށް ހާޒިރުވުމަށް ނަދާ ސެލޫންއަށް އެންގި ނަމަވެސް، "ނަދާ"ގެ ދަރިފުޅުގެ އިވެންޓަކަށް މާފުށްޓަށް ދާންޖެހޭ ކަމަށް ބުނެ އަޑު އެހުމަށް ނަދާ ސެލޫންގެ ފަރާތުން ހާޒިރުވެފައި ނުވާކަން ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޓްރައިބިއުނަލުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައެވެ.

އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި، އެ މުވައްޒަފަށް ވިހެއުމާ ގުޅިގެން ދޭން ޖެހޭ ޗުއްޓީ ދިނުމުގައި ސެލޫނުން ވަޒީފާއާބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަމަށެވެ. އަދި މުވައްޒަފުގެ ތިން މަހުގެ މުސާރައަށްވާ 48،600 ރުފިޔާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 97،200 ރުފިޔާގެ އިތުރުން ރޯދަ މަހު އިނާޔަތަށް 3000 ރުފިޔާ އާއި ވަކީލު ފީގެ ގޮތުގައި 35000 ރުފިޔާ ދޭން ޖެހޭ ކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައިވެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އުފެއްދި ސެލޫން މޯލްޑިވްސްގެ ދަށުން ހިންގާ ނަދާ ސެލޫންގެ އިތުރުން، ނަދާ ކްލިނިކް ވެސް ހިންގައެވެ.