ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ މުއައްސަސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް މީހުން ލައިސެންސް ނެތި މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މި މަހު 13 ގައި ކުރިއިއުލާނެއްގައިބުނީ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ، އަދާހަމަ ލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރަމުން ގެންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަރުހުންނާއި މިޑްވައިފުން ތެރޭގައި ހިމެނެނީ:

  • އިދާރީ މަސައްކަތް ކުރާ ނަރުހުން/ މިޑްވައިފުން (ނާސިން ޑިރެކްޓަރ/ނާރސިން އެޑްމިނިސްޓްރޭޓަރު)

  • ތަމުރީނުކުރުމުގައި އުޅޭ ނަރުހުން/ މިޑްވައިފުން (ނާސް އެޑިއުކޭޓާ/ ނާސިން ލެކްޗެރާ)

ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެވޭނީ، ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސެންސެއްގެ ދަށުން ލައިސެންސްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހަމައެފަދައިން ލައިސެންސްގެ މުއްދަތު ހަމަވެފައިވާނަމަ ލައިސެންސް އައުނުކޮށް މަސައްކަތްކުރުމަކީ އެ ގާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުށެކެވެ.

މިނިސްޓްރީން ބުނީ، ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި އަދާހަމަ ލައިސެންސެއް ނެތި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެހެންކަމުން ލައިސެންސް ނެތް މީހުން ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި، ލައިސަންސް އައުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެހެންނަމަވެސް، މިހާތަނަށް އެ މައްސަލައިގައި ފިޔަވަޅެއް އަޅާފައިވާކަމެއް އެނގިފައެއް ނެތެވެ.

ރާއްޖޭގައި ނަރުހުންނަކީ ޑިމާންޑް އޮތް ބައެކެވެ.

މި ސަރުކާރުގެ އަމާޒަކީ ވެސް އިތުރު ނަރުހުން ޚިދުމަތަށް ނެރުމެވެ. އަދި، އެކަމަށްޓަކައި މި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް މި އަހަރުގެ ނަރުހުންގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި ޚިދުމަތުގައި އުޅޭ ނަރުހުންގެ ތެރެއިން 92 އިންސައްތައަކީ އަންހެން ނަރުހުންނެވެ.