08 Aug 2012, 21:18
މެނީލާ (އޮގަސްޓް 8): ޕިލިޕީންސަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މެނީލާއާއި އެ ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިއްޖެ އެވެ.
ފިލިޕީންސްގެ ޑިޒާސްޓައާ ބެހޭ އިދާރާ އިން ހާމަކުރާ ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެނީލާ އާއި އެ ރަށުގެ ކައިރީގައިވާ ސަރަޙައްދުތަކުގެ 80 ޕަސެންޓް ވަނީ ފެނުގެ އަޑީގަ އެވެ. މެނީލާގެ ގިނަ ސަރަޙައްދުތަކުގައި ތިން ފޫޓާއި ފަސްފޫޓްގެ ފުންމިނުގައި ފެން ބޮޑުވެފައިވާ އިރު މަގުމަތީގައި މީހުން ދަތުރުކުރަނީ ފަތާފައާއި ބޯޓުފަހަރާއި ލޯންޗްތަކުގަ އެވެ.
މެނީލާގެ ދެބައިކުޅައެއްބައި ގެތަކަށާއި އެނޫން ޢިމާރާތްތަކަށް ފެންވަނުމުގެ ސަބަބުން ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާތީ ގިނަ މީހުން ވަނީ ގެތަކުގެ ފުރާޅުތަކާއި ޓެރަސްތަކުގެ މަތީގައި ދިރުއުޅެންފަށާފަ އެވެ. ހަފްތާއެއްވަންދެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މިލިއަނެއްހާ މީހުންގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ ކަމަށް ފިލިޕީންސްގެ ޑިޒާސްޓަރ އާބެހޭ އިދާރާއިން ބުނެ އެވެ.
ފެންބޮޑުވުމުގެ މިޙާދިސާގައި މިހާތަނަށް 20 މީހުން މަރުވެފައިވާ އިރު އެތަށް ބަޔަކު ގެއްލިފައިވެ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިރިތިއްބައި ބައެއް މީހުން ވަޅުލެވިފައިވާ ކަމަށާއި މެނީލާއާ ކައިރީގައިވާ ދަނޑުތައް ވެސް ހަލާކުވެދަނޑުވެރިން ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިލިޕީންސަކީ ވަރަށް ގިނައިން ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވާ ޤައުމެކެވެ. މިއަހަރުގެ ކުރީކޮޅުގައި ވެސް އެޤައުމުގައި ފެންބޮޑުވި އެވެ. ދެ ހާސް ނުވަ ވަނަ އަހަރުގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި އެތައް މިލިޔަން ބައެއްްގެ ގެދޮރުގެއްލި އަދި މަރުވެ ގެއްލުުނު މީހުންގެ ޢަދަދު އެތަށް ސަތޭކައަކަށް އަރާފައިވެ އެވެ. (ނޫސްއެޖެންސީތައް)