ރާއްޖެއިން ފުރަތަމަ ފަހަރަށް ގައުމީ ފުޓުބޯޅަ ޓީމެއް އެކުލަވާލި 1979ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޓީމުން ފެށިގެން މިއަދާ ހަމައަށް ގައުމީ ޓީމުގައި ކުޅެފައިވާ ކޮންމެ ކުޅުންތެރިއެއްގެ އަގުވަޒަންކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމާ ގުޅިގެން ބާއްވާ އަލިމަސް ޔޫބީލް ހަރަކާތްތަކުގެ މައުލޫމާތުދިނުމަށް އެކަމަށް ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާޕަސަން އަލީ ސުޒެއިން ބުނީ ގައުމީ ޓީމުގައި ހިމެނިފައި ހުރި ކޮންމެ މީހަކަށް ހަނދާނީ ފިލައެއް ދޭނެ ކަމަށެވެ.

ސުޒެއިން ބުނީ ވޭތުވެދިޔަ 46 އަހަރުތެރޭ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންގެ ނޭނގި ހުރެދާނެ ކަމަށާއި އެ ކުޅުންތެރިން ދެނެގަނެ، ވަކިވަކިން އެންމެންގެ އަގުވަޒަން ކުރާނެ ކަމަށެވެ.

ޑައިމަންޑް ޖުބިލީ ކޮމިޓީއަށް މެމްބަރުން ހޮވާފައިވަނީ ކުލަބުތަކުންނެވެ. މި ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި ސުޒެއިން ހަރަކާތްތެރިވާއިރު، ވައިސް ޗެއާމަނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީނެވެ.

މި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީނާއި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.

ސުޒޭން ބުނީ ގައުމީ ޓީމުގައި މިހާތަނަށް ކެޕްޓަންކަން ކުރި ހުރިހާ ކެޕްޓަނުންގެ ޚިދުމަތް ވެސް އެފްއޭއެމުން އަގުވަޒަން ކުރާނެ ކަމަށެވެ.

މި ކޮމިޓީން ނިންމާފައިވާ އިތުރު ނިންމުންތަކުގެ ތެރޭގައި، ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުމުގެ މުނާސަބާގައި ބާއްވާ އަލިމަސް ޔޫބީލްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓުބޯޅައިގެ ޝަހުސިއްޔަތެއް ހޮވުމަށް ނިންމުން ހިމެނެއެވެ.