ނ. ހޮޅުދޫގައި ގެއެއްގައި އަލިފާން ރޯވެ އެ ގޭގެ ބޮޑު ބައެއް އެއްކޮށް އަނދައި ހުލިވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް އިބްރާހިމް ވިދާޅުވީ މިރޭ 0730 ގައި އަލިފާން ރޯވީ އެރަށު ދާރުއް ސަލާމް، ގޭގައި ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އެގޭގެ ބޮޑު ބައެއް އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަޔަކަށް ކުއްޔަށް ދޫކޮށްފައި ހުންނަ އެގޭގައި ރޯވި އިރު އެއްވެސް މީހަކު ނެތް ކަމަށެވެ.

"އަލިފާނުގެ ސަބަބުން މީހަކަށް ވެސް ގެއްލުމެއް ނުލިބޭ، ނަމަވެސް ގޭގައިހުރި ހުރިހާ ފަރުނީޗަރަކާއި ގޭގެ އެއްބައި ވަނީ އެއްކޮށް އަނދާ ހުލިވެފަ. އެ ގެއަކީ މިޒާނާ އެއްގޮތަށް ހަދާފައިވާ ހުރި ބޮޑު ގެއެއް،" އަޒީޒް ވިދާޅުވި އެވެ.

ދާރުއްސަލާމްގައި ރޯވި އަލިފާން ނިންވާލާފައި ވަނީ ރަށުގެ އާންމުން ނުކުމެ މިރޭ 0930 ގަ އެވެ.

ހަ ކޮޓަރި ހުންނަ ދާރުއްސަލާމް ކުއްޔަށް ހިފައިގެން އުޅޭ މުހައްމަދު އަންވަރު މިރޭ ބުނީ އެގޭގައި އަލިފާން ރޯވާން ދިމި ސަބަބު ނޭންގޭ ކަމަށާއި އަލިފާނުގެ ސަބަބުން ތިން ކޮޓަރިއާ ފަރުނީޗަރު އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަނދައިގެން ދިޔަ ތިން ކޮޓަރިއަކީ ވެސް މިހާރު އެއްވެސް ބަޔަކު ނޫޅޭ ތިން ކޮޓަރި ކަމަށް އޭނާ ބުންޏެވެ.

"އެ ކޮޓަރިތަކުގައި މީހުން ނޫޅުނަސް ފަރުނީޗަރު ފަދަ ތަކެތި ހުރޭ،" އޭނާ ބުންޏެވެ.

ފުލުސް މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޮޅުދޫ ގެއެއްގައި އަލިފާން ރޯވެ އެއްކޮށް އަނދާފައިވާތީ މިހާރު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.