20 Aug 2025, 08:12
ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިސް "ދަމާލް"ގެ ހަތަރުވަނަ ފިލްމުގެ ޝޫޓިން މި މަހު ފަށާނެކަން އިއުލާނުކޮށް ފިލްމުގެ ޓީމާ ބަތަލާ އީޝާ ގުޕްތާ ގުޅިފައިވާކަން އިއުލާނުކޮށްފިއެވެ.
ޑައިރެކްޓަރު އިންދަރު ކުމާރުގެ ފިލްމު "ދަމާލް 4"އަށް އީޝާ ސޮއިކޮށްފައިވާއިރު ބަތަލާ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2019 ވަނަ އަހަރެވެ.
މި ފިލްމަކީ އީޝާ އެނބުރި ސްކްރީނަށް އަންނާނެ ފިލްމު ކަމަށާއި އީޝާ ފިލްމުގައި ފެންނާނީ އެކްޓަރު އަޖޭ ދޭވްގަންގެ ބަތަލާގެ ރޯލުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަހު ތެރޭ ފިލްމުގެ ޝޫޓިން ފަށާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް އީޝާ ކުޅޭ މަންޒަރުތަކުގެ ޝޫޓިންގެ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅެވެ.
ފިލްމު "ދަމާލް 4"ގެ ރޯލަކަށް އީޝަ ގެނައިކަން އިއުލާނުކުރިއިރު ފާހަގަކޮށްލެވޭ ކަމަކީ މި ފްރެންޗައިސްގެ ތިންވަނަ ފިލްމުން ވެސް ބަތަލާ ފެނިފައިވާ ކަމެވެ. ނަމަވެސް، "ދަމާލް 4"ގައި އީޝާ ކުޅޭ ކެރެކްޓާއާ ގުޅޭ މައުލޫމާތު ވަނީ ސިއްރުކުރެވިފައެވެ.

ފިލްމު "ދަމާލް 3"ގެ މަންޒަރެއްގައި އީޝާ އެ ފިލްމުގެ މުހިއްމު ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ކާސްޓުންގެ ތެރޭ ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރުސީ، ޖާވިދު ޖެފްރީ، ރަވީ ކިޝަން އަދި ސަންޖޭ މިޝްރާ ހިމެނެއެވެ. މީގެއިތުރުން ޓެލެވިޒަން ބަތަލާ ސަންޖީދާ ޝައިހް އަދި އަންޖަލީ އާނަންދު ފިލްމުގައި ބަތަލާއިންގެ ގޮތުގައި މުހިންމު ރޯލްތަކުން ފެންނާނެއެވެ.
ފިލްމު "ދަމާލް"ގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން ފިލްމުގެ ދެވަނަ ބައި 2011 ވަނަ އަހަރު ގެނެސްދިނުމަށް ފަހު ތިންވަނަ ބައި ގެނެސްދިނީ 2019 ވަނަ އަހަރެވެ.
ފިލްމު "ދަމާލް 3"ގެ މުހިންމު ރޯލުން ފިލްމީ ތަރިން ކަމަށްވާ އަނިލް ކަޕޫރު އަދި މާދުރީ ޑިކްސިޓް ވެސް ވަނީ ފެނިފައެވެ. ނަމަވެސް، "ދަމާލް 4"އިން މި ތަރިން ނުފެންނާނެކަން އިންދަރުގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.