20 Aug 2025, 08:09
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގެ މުހިންމު ރޯލްތައް ކުޅެފައިވާ އެކްޓަރު އަޗްޔުތު ޕޮތުދާރު މަރުވެއްޖެއެވެ.
ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "3 އިޑިއަޓްސް"ގެ ޕްރޮފެސަރުގެ ރޯލް ކުޅުނު އެކްޓަރު މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުން ދަނިކޮށެވެ.
ތާނޭ މަހާރަޝްތުރާގެ ޖުޕިޓާ ހޮސްޕިޓަލުގައި އަޗްޔުތު އެނދުމަތި ކުރެވުނީ އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވި ސިއްހީ އެކި ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އުމުރުން 91 އަހަރުގައި އަޗުޔުތު ދުނިޔެ ދޫކުރިއިރު އެކްޓަރު މަރުވީ ކޮން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމެއް މިހާތަނަށް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ދާއިރާއާ ގުޅުމުގެ ކުރިން އަޗްޔުތު ޕޮތުދާރު މަސައްކަތްކޮށްފައިވަނީ އިންޑިއާގެ އަސްކަރިއްޔާގައި ކެޕްޓަނެއްގެ ހައިސިއްޔަތުންނެވެ.

ކުރީގެ އެކްޓަރު އަޗްޔުތު ޕޮތުދާރު މަޝްހޫރު ފިލްމު "3 އިޑިއަޓްސް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
އޭގެ ފަހުން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އިންޑިއަން އޮއިލް ކޯޕަރޭޝަންގައި ކޯޕަރޭޓެއްގެ ދައުރު ވަނީ އަދާކޮށްފައެވެ. އެ ވަޒީފާގައި 25 އަހަރުވަންދެން މަސައްކަތްކުރުމަށް ފަހު އަޗްޔުތު މަޤާމުން ރިޓަޔާވެފައިވަނީ 1992ވަނަ އަހަރެވެ.
އަޗްޔުތު ފިލްމު އިންޑަސްޓްރީއާ ގުޅުނީ އުމުރުން 44 އަހަރުގައެވެ. އޭނާ ވެފައިވަނީ އިންޑިއާގެ ސިނަމާއިން ގެނެސްދިން ގިނަ ފިލްމުތަކެއްގައި ފާހަގަކޮށްލެވުނު މުހިންމު ކެރެކްޓާއެއްގެ ގޮތުގައެވެ. މިހާތަނަށް 125 ފިލްމެއްގައި މަސައްކަތްކޮށްފައިވާއިރު އަޗްޔުތު ވަނީ ގާތްގަނޑަކަށް 100 ޓެލެވިޒަން ސީރިއަލްގެ އެކި ރޯލްތަކުން ފެނިފައެވެ.
އަޗްޔުތު މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އެކްޓަރުގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ފޮނުވަމުން އަންނައިރު ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފައިވަނީ، އަޗްޔުތު ފަދަ ތަޖުރިބާކާރު އެކްޓަރަކާ އެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ލިބުނު ޝަރަފެއް ކަމަށެވެ.
ބެލުންތެރިންގެ ލޯބި ހޯދާފައިވާ އަޗްޔުތު މުހިންމު ރޯލް ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "ތޭޒާބް"، "ޕަރިންދާ"، "ރަންގީލާ"، "ޕަރިނީތާ"، "ދަބަންގް 2"، އަދި "ލަގޭ ރަހޯ މުންނާ ބާއީ" ހިމެނެއެވެ. އަޗްޔުތު މަރުވިއިރު އަންބަކާއި އަންހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.