ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ތަރައްގީކޮށްދޭ މަޝްރޫއެއް ސަރުކާރުން ވަރަށް އަވަހަށް ފަށާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

އއ. މަތިވެރިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ޕިކްނިކްދާނެ ރަށެއް ތަރައްގީކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްތަކުން ހުށަހަޅާ ކަމަށެވެ. އެގޮތުން، ފަތުރުވެރިކަން ފުޅާވެފައި އޮންނަ ރަށްތަކާއި ރައްޔިތުން ޕިކްނިކް ހަދަން ދާނެ ތަނެއް ނެތް ރަށްތަކުން ވެސް މިފަދަ ހުށަހެޅުންތައް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގިނަ ރަށްތަކުގެ ރައްޔިތުންނަށް އާއިލާތަކާ އެއްކޮށް ވަގުތުހޭދަކޮށް، ޕިކްނިކް ދާނެ ތަނެއް ނުވަތަ ގެސްޓުން ދާނެތަނެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަތިވެރީގައި ---- ފޮޓޯ/ ރައީސް އޮފީސް

އެހެންވީމައި ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓުހައުސްތަކާ މިކަހަލަ ތަންތަނަށް އަންނަ ގެސްޓުންނަށް ޕިކްނިކް ދިޔުމާއި އެކި ކަހަލަ ކަންކަމަށް ތަރައްގީ ކުރާ ރަށަކަށް ހަދައިދޭންނަރައީސް ޑރ. މުޙައްމަދު މުއިއްޒު

ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާތަކަށް ފަހު މަޝްރޫއު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ވެސް ކޮށްދެނީ ރައްޔިތުން އުފާކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަކޮށް އެއްރަށް ތަރައްގީކުރި ނަމަވެސް، ވަކިވަކި ރަށްރަށަށް ޚާއްސަކޮށް ވެސް ޕިކްނިކް އައިލެންޑު ތަރައްގީކުރާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން، އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ފެރިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވަނީ، ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަ ރަށްރަށް މިހާރު ވެސް ބައެއް އަތޮޅުތަކުގައި ތަރައްގީކޮށްފައި ވެއެވެ.