08 Aug 2012, 20:23
ބަޖެޓް ސަޕޯޓުގެ ގޮތުގައި 25 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީގައި އެދެފި އެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ 25 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި ލޯނު ނެގުމުގެ ހުއްދައަށް އެދިފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި އެއީ ބަޖެޓުގައި ހިމެނިފައިވާ ލޯނެއް ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަޖެޓް ސަޕޯޓަށް ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ވަނީ 300 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ. ނަމަވެސް އެ ލޯނު ނަގާފައިވަނީ މަޖިލީހުން އެޕްރޫވަލްއާ ނުލައި ކަމަށް ވުމުން މަޖިލީހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވަނީ އެ ލޯނު ނަގާފައިވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ހިމަނާފައިވާ 65 މިލިއަން ޑޮލަރުގެ ލޯނު ލިބުން ލަސްވެގެން ކަމަށެވެ.
ބަޖެޓް ސަޕޯޓަށް ނަގަން ބަޖެޓުގައި ހިމަނާފައިވާ 65 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލަށް ބަލާއިރު އެ ލޯނުގެ އިންޓްރެސްޓުގެ ރޭޓަކީ އަހަރަކު ދެ ޕަސެންޓެވެ. އަދި ލޯނު އަބުރާ ދައްކަން ފަށަން ޖެހޭ މުއްދަތަކީ 24 މަސްދުވަހެވެ. ނަމަވެސް ބީއެމްއެލްއިން ބަޖެޓް ސަޕޯޓަށް ނެގި 300 މިލިއަން ރުފިޔާގެ ލޯނުގެ ދައްކާ ނިމޭއިރު ލޯނުގެ ޖުމްލަ 354 މިލިއަން 50 ހާސް ރުފިޔާއަށް އަރާނެ ކަމަށް މާލިއްޔަތު ކޮމެޓީން އާންމުކުރި މައުލޫމާތުތަކުން އެނގެ އެވެ.