މަރަމަށް މަރު ހިފުމަށް ޝަރުއީ ކޯޓަކުން ހުކުމް ކުރުމުން ގާތިލަށް މާފުދިނުމުގެ ބާރު މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ދެއްވާފައިވާތީ ގާނޫނުން އެ ކަން އުނިކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ހއ. އިހަވަންދޫ އަންބަރީގޭ، އަބުދުލް މާނިއު ހުސައިނާއި ސ. ހިތަދޫ ބާޒީގޭ، ހުސައިން ޝަހީދާއި ޅ. ނައިފަރު، ނަސީމާ މަންޒިލް، އަބްދުﷲ ޝިޔާޒާއި، ގދ. ގައްދޫ ބޯޅަދަނޑުގޭ، އަބްދުﷲ ނަސީރު މުހައްމަދު އަދި ހދ. ކުރިނބީ ރަންކޮކާ، ހަސަން ވަހީދެވެ.

އެ ފަސް މީހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މާފުދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި ފަސް ވަނަ މާއްދާގެ އެއް ވަނަ ނަމްބަރު ބާތިލު ކޮށްދިނުމަށެވެ.

ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނަނީ ގާތިލުގެ ކިބައިން މަރަށް މަރު ހިފުން ނުވަތަ މަރުގެދިޔަ ނަގަން ނިންމުމުން ނޫންނަމަ ގާތިލަށް މާފުދިނުމުގެ ހައްގު އިސްލާމީ ޝަރީއަތުގައި ދެއްވާފައި ވަނީ ހަމައެކަނި މަރުވި މީހާގެ ވާރިސުންނަށް ކަމަށް ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގައި އެގޮތަށް ކަނޑައަޅާފައި އޮންނަ އިރު ގާތިލަށް މާފު ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ވެސް އަދި ދައުލަތުގެ އެއްވެސް ތަންފީޒީ އިދާރާއަކަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

ޝަރުއީ ގޮތުން ބަލާއިރު ވާރިސުންގެ ނުވަތަ ހައްގުތައް ނުވަތަ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭނީ ހަމަކަނި މަރުވި މީހާގެ އެއްވެސް ވާރިސަކު ދުނިޔޭގައި ނެތް ހާލަތެއްގައި އެކަނިކަމަށާއި މަރުވި މީހާގެ ވާރިސުންނަށް އިސްލާމީ ޝަރީއަތުގައި ދީފައި އޮންނަ ބާރަކަށް ބަދަލު ގަނައުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާނަމަ އެކަމަކީ ވާރިސުންގެ ހައްގު ނިގުޅައިގަތުން ނޫން ގޮތަކަށް ނުވާނެ ކަމަށް ވެސް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ވެއެވެ.
ބަންޑާރަ ނާއިބްގެ އޮފީހަށް ރައްދުވާގޮތަށް ހުށަހެޅި އެ މައްސަލަ ހައިކޯޓުން މިއަދު ބަލައިގެންފައިވާ ކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތްތަކަށް ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ސޮއިކޮށް ވަނީ ފޮނުވާފަ އެވެ.