08 Aug 2012, 19:31
ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީޑީސީ ގެ މިއަހަރުގެ ފުތަރަމަ ހަ މަސްދުވަހުގެ ފައިދާ މިދިޔަ އަހަރުގެ ހަ މަސްދުވަހާއި އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ އެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ކުންފުނީގެ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ހަމަސް ދުވަހަށްވުރެ މިއަހަރުގެ ހަމަސް ދުވަހު އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 43 މިލިއަން ރުފިޔާ މަދުވެފަ އެވެ. މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެ ކުންފުންޏަށް ލިބިފައިވަނީ 9.1 މިލިއަން ރުފިޔާ އެވެ. މިއީ ހިއްސާއަކަށް ތިން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަސްދުވަހު އެ ކުންފުންޏަށް ވަނީ 33.9 މިލިއަން ރުފިޔާއިން ފައިދާވެފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެމްޓީޑީސީއަށް 23 މިލިއަން ރުފިޔާގެ ފައިދާ ވިޔަސް މިއަހަރުގެ އެ މުއްދަތުގައި ފައިދާއަށް ޖެހިފައިވަނީ 8.9 މިލިއަން ރުފިޔާ އެވެ. އަދި ދެ ވަނަ ކުއާޓާގައި ލިބުނު ފައިދާއަށް ބަލާއިރު މިއަހަރު އެ މުއްދަތުގައި ލިބުނީ 121،510ރ. އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި 10.5 މިލިއަން ރުފިޔާ ވަނީ ފައިދާގެ ގޮތުގައި ލިބިފަ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުންފުނީގެ ފައިދާ މިދިޔަ ހަ މަސްދުވަހު ދަށަށް ދާން ދިމާވީ ސަބަބުތަކުގެ ތެރޭގައި ހެރެތެރޭގެ އޮޕަރޭޝަންތައް ހުއްޓިފައި އޮތުން ހިމެނޭ ކަމަށެވެ. ހެރެތެރެ މިދިޔަ އަހަރު ހަވާލުކުރި، އޮނިކްސް ގްރޫޕަށް ވަނީ އެރަށް ނުހިންގިގެން އެ ކުންފުންޏާއި އަލުން ހަވާލުކޮށްފަ އެވެ. މީގެ އަހަރެއްވަރު ކުރި ޔޮޓް ޓްއާޒްއިން ވެސް އެރަށް ހިންގަން މަސައްކަތް ކުރި ނަމަވެސް އެ ރަށް ނުހިންގިގެން އެ ކުންފުނިން ވެސް ވަނީ އެރަށް ދޫކޮށްލައިފަ އެވެ. އެރަށް މިހާރުވަނީ ވިއްކާލަން ވެސް އިއުލާންކޮށްފަ އެވެ.
އެމްޓީޑީސީއަށް މިދިޔަ ހަ މަސްދުވަހުގެ ހިސާބުތައް އާންމު ކުރީއިރު އެ ކުންފުނިން މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް އާންމުކޮށްފައެއްނުވެ އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ މާލީ ބަޔާންތައް އާންމުނުކޮށްގެން އަދި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މާލީ ބަޔާންތައް އޮންނަ ތާރީހުގައި އާންމުނުކޮށްގެން ސީއެމްޑީއޭ އިން ވަނީ އެ ކުންފުނި 60،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. މިއީ މާލީ ހިސާބުތައް އާންމު ނުކޮށްގެން ސީއެމްޑީއޭ އިން ކުންފުންޏެއް ޖޫރިމަނާ ކުރި އެންމެ ބޮޑު އަދަދެވެ.
ހިއްސާ ވިއްކާ ކުންފުނިތަކުގެ މައުލޫމާތު އާންމު ކުރުމުގެ ގަވާއިދުގައިވާ ގޮތުން ލިސްޓްކޮށްފައިވާ ކުންފުނިތަކުން ކޮންމެ ތިން މަހެއް ނިމުމުން 30 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ މާލީ ހިސާބުތައް އާންމުކުރަން ޖެހެ އެވެ. އަދި ކޮންމެ މާލީ އަހަރެއް ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭ އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް އާންމުކުރަން ޖެހޭނެ އެވެ.