މެނީލާ (އޮގަސްޓް 8) : ޕިލިޕީންސަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މެނީލާއާއި އެރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިއް ޖެވެ.

ފިލިޕީންސްގެ ޑިޒާސްޓާއާބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެނީލާއާއި އެރަށުގެ ކައިރީގައިވާ ސަރަޙައްދުތަކުގެ 80 ޕަސެންޓް ވަނީ ފެނުގެ އަޑީގައެވެ. މެނީލާގެ ގިނަ ސަރަޙައްދުތަކުގައި ފަސްފޫޓާއި ތިންފޫޓުގެ ފުންމިނުގައި ފެންބޮޑުވެފައިވާއިރު މަގުމަތީގައި މީހުން ދަތުރުކުރަނީ ފަތާފައާއި ބޯޓުފަހަރާއި ލޯންޗް ތަކުގައެވެ. މެނީލާގެ ދެބައިކުޅައެއްބައި ގެތަކަށާއި އެނޫންޢިމާރާތްތަކަށް ފެންވަނުމުގެ ސަބަބުން ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވެފައިވާތީ ގިނަމީހުންވަނީ ގެތަކުގެ ފުރާޅުތަކާއި ޓެރަސްތަކުގެ މަތީގައި ދިރުއުޅެންފަށާފައެވެ. ހަފްތާއެއްވަންދެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މިލިއަނެއްހާ މީހުންގެ ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ ކަމަށް ފިލިޕީންސްގެ ޑިޒާސްޓަރ އާބެހޭ އިދާރާއިން ބުނެއެވެ.

ފެންބޮޑުވުމުގެ މިޙާދިސާގައި މިހާތަނަށް20 މީހުން މަރުވެފައިވާއިރު އެތަށް ބަޔަކު ގެއްލިފައިވެއެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިރިތިއްބައި ބައެއްމީހުން ވަޅުލެވިފައިވާކަމަށާއި މެނީލާއާ ކައިރީގައިވާ ދަނޑުތައްވެސް ހަލާކުވެދަނޑުވެރިން ބޮޑު މުސީބާތަކާ ކުރިމަތިލާންޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލިޕީންސަކީ ވަރަށް ގިނައިން ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވާ ޤައުމެކެވެ. މިއަހަރުގެ ކުރީކޮޅުގައިވެސް އެޤައުމުގައި ފެންބޮޑުވިއެވެ. 2009 ގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި އެތަށް މިލިޔަން ބައެއްގެ ގެދޮރުގެއްލި އަދި މަރުވެ ގެއްލުނު މީހުންގެ ޢަދަދު އެތަށް ސަތޭކައަކަށް އަރާފައިވެއެވެ. -- ނޫސްއެޖެންސީތައް